އިސްކަންދެނީ ގެއްލުންތައް ދެނެގަނެ ވީއެންމެ އަވަހަށް އެހީ ފޯރުކޮށްދިނުމަށް: އެންޑީއެމްއޭ

ކާރިސާތަކާ ގުޅިގެން ލިބޭ ގެއްލުންތައް ވަޒަންކޮށް، ވީއެންމެ އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދެމުން މަސައްކަތްކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މިކަން ހާމަކުރީ މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އެ އޮތޯރިޓީގެ ޑިރެކްޓަރ ޕޮލިސީ އެންޑް ޕްލޭނިންގ ކާޝިފް ނަސީރެވެ.

ކާޝިފް ވިދާޅުވި ގޮތުގައި، މިހާރުގެ ވިއްސާރައާ ގުޅިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ހާލަތު ވަރަށް ގާތުން މޮނިޓަރކުރަމުންދެއެވެ. ރަށްރަށުގެ ކައުންސިލްތަކުން ލިބޭ މަޢުލޫމާތުގެ އަލީގައި އެންޑީއެމްއޭގެ އެމަޖެންސީ މެނޭޖްމަންޓް ޓީމުތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެންބޮޑުވާ ސަރަޙައްދުތަކުން ފެން ހިންދުމަށްފަހު، ލިބުނު ގެއްލުންތައް ދެނެގަތުމުގެ އެސެސްމަންޓްތައް ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާނެ ކަމަށް ކާޝިފް ވިދާޅުވިއެވެ. ކައުންސިލްތަކާ ގުޅިގެން ގެތަކަށް ގޮސް ފޯމު ފުރައިގެން މި މަސައްކަތް ކުރާ ކަމަށާއި، ފޯމުތައް ލިބުމުން ގެއްލުން ލިބުނު މިންވަރު ބަލައި، އަސާސީ ދިރިއުޅުމަށް ބޭނުންވާ ކަންކަމަށް ރިޢާޔަތްކޮށް ވީހާވެސް އަވަހަކަށް އެހީ ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންޑީއެމްއޭއިން މިވަގުތު އެހީތެރިކަން ދެނީ ހަމައެކަނި ދިރިއުޅޭ ގެދޮރަށާއި ގެވެށި ސާމާނަށް ލިބޭ ގެއްލުންތަކަށެވެ.

ގެތަކަށް ފެންވަދެގެން މީހުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހިއްޖެ ޙާލަތެއްގައިވެސް، އެންމެ ބޮޑު އިސްކަމެއް ދެނީ ވީއެންމެ އަވަހަކަށް ފެން ހިންދައި އަނބުރާ ގެއަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ކާޝިފް ވިދާޅުވިއެވެ. ގެއަށް ވަދެވެން ނެތް ހާލަތްތަކުގައި ސްކޫލް ނުވަތަ ގެސްޓްހައުސް ފަދަ ތަންތަނުގައި ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެންޑީއެމްއޭގެ ކޮމިއުނިޓީ ރެޒިލިއަންސް ބިލްޑިންގ ޕްރޮގްރާމްގެ ދަށުން، މީހުން އުޅޭ 72 ރަށެއްގައި ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންތަކާއި ކޮމިއުނިޓީ އެމަޖެންސީ ރެސްޕޮންސް ޓީމުތައް މިހާތަނަށް އެކުލަވާލެވިފައިވާ ކަމަށްވެސް ކާޝިފް ވިދާޅުވިއެވެ.

އާންމުކޮށް ފެންބޮޑުވާ ސަރަޙައްދުތަކާއި ރަށްރަށުން މޫސުމާ ބެހޭ އިދާރާގެ އިންޒާރުތަކަށް ސަމާލުވެ، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ކާޝިފް ފާހަގަކުރެއްވިއެވެ. އެގޮތުން މޫސުމީ އެލާޓްތަކަށް ބަލައިގެން ޕަންޕުތައް ތައްޔާރީ ހާލަތުގައި ބެހެއްޓުމަށާއި، ފެންވަދެފާނެ ކަމަށް ބެލެވޭނަމަ މުދަލާއި ހިފާގެންގުޅޭ ތަކެތި ރައްކާތެރިކުރުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް