ޒަކާތު ކޮންފަރެންސްގެ 3 ވަނަ ސެޝަންގެ ޕެނަލިސްޓުން އިއުލާންކޮށްފި

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2026) ގެ ތިންވަނަ ސެޝަންގައި ވާހަކަދައްކަވާނެ ޕެނަލިސްޓުން މޯލްޑިވްސް ޒަކާތު ހައުސްއިން އިއުލާނުކޮށްފިއެވެ.

"ދިވެހިރާއްޖޭގެ ހާލަތާއި ދުނިޔޭގެ އައު އީޖާދުތައް: މާލީ ގޮތުން ފުދުންތެރިކުރުވާ ކާމިޔާބު ޕުރޮގުރާމުތައް އިތުރަށް ތަރައްގީކޮށް އާންމުކުރުން" މި ނަމުގެ ދަށުން ކުރިއަށްގެންދާ މި ސެޝަނުގައި، ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ބާރުވެރިކުރުވުމާއި އިޖުތިމާއީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. މި ސެޝަންގައި ޒަކާތުގެ ދާއިރާގެ އިތުރުން، އިންސާނީ އެހީ ފޯރުކޮށްދިނުމާއި، އިސްލާމިކް ބޭންކިން އަދި ހުނަރު ތަރައްގީކުރުމުގެ ދާއިރާގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ޕެނަލުގައި ހިމެނިވަޑައިގަންނަވަނީ މެލޭޝިޔާގެ ލެމްބާގާ ޒަކާތު ނެގެރީ ކެޑާ (އެލް.ޒެޑް.އެން.ކޭ)ގެ ޑެޕިއުޓީ ޗީފް ޑިސްޓްރިބިއުޝަން އޮފިސަރ ޔޫސުފް ބިން އަޙްމަދާއި، ހިދުމަތު ޖަމިއްޔާގެ ބާނީ އަދި އިންސާނީ ހިދުމަތްތެރިޔާ ޢަބްދުއްސަމީޢު އަޙްމަދާއި، ބީ.އެމް.އެލް އިސްލާމިކްގެ ހެޑް އޮފް ބީ.އެމް.އެލް އިސްލާމިކް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސްޓްރެޓެޖީ ވަލީދާ ޢަބްދުއްރަޙްމާން އަދި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހްރާ މުޙައްމަދެވެ. އަދި މި ސެޝަން މޮޑަރޭޓުކުރައްވާނީ ޒަކާތު ހައުސްގެ އެސިސްޓެންޓް ޒަކާތު އޮފިސަރ ޢިނާޔާ މޫސާއެވެ.

ވަގުތީ މާލީ އެހީތެރިކަމެއް ދިނުމުގެ ބަދަލުގައި، ޒަކާތް ހައްގުވާ ފަރާތްތަކަށް އަމިއްލަ ދިރިއުޅުން އާރާސްތުކޮށް މާލީ މިނިވަންކަން ހޯދައިދެވޭނެ ދެމެހެއްޓެނިވި ހައްލުތަކަކަށް ވާސިލުވުމުގެ މުހިންމުކަމުގެ މައްޗަށް މި ސެޝަނުގައި އަލިއަޅުވާލާނެއެވެ. އިންޒެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 8:30 އިން ހަވީރު 7:00 އަށް އިސްލާމީ މަރުކަޒުގައެވެ.

ރިއެކްޝަންސް

ކޮމެންޓް