ހުޅުޖަހަން ގޮވާލި މައްސަލައިގައި "ޑެތު" ގެ ބަންދަށް 12 ދުވަސް ޖަހައިފި

ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރަތައް ލޫޓުވުމަށް ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި ހައްޔަރުކުރި، "ޑެތު" ގެ ނަމުން މަޝްހޫރު ޢަލީ ޖުމާންގެ ބަންދަށް ކޯޓުން 12 ދުވަސް ޖަހައިފިއެވެ.

ހއ. ބާރަށް، ކުއްޅަވައްގެ، 25 އަހަރުގެ ޖުމާން 12 ދުވަހަށް ބަންދުކުރުމަށް އަމުރު ނެރެފައިވަނީ ކްރިމިނަލް ކޯޓުންނެވެ.

ކޯޓުގެ އަމުރުގައިވާ ގޮތުން، ޖުމާން ބަންދުގައި ބަހައްޓަން ނިންމީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، "އެކްސް" އެކައުންޓުން ކުރި ޕޯސްޓާ ގުޅޭ ރިޕޯޓާއި، ހައްޔަރުކުރި ބަޔާނާ ގުޅިގެން، ތުހުމަތު ކުރެވޭ ކޮންމެވެސް ވަރެއްގެ ހެއްކެއް ކޯޓަށް ހުށަހަޅާފައިވާތީއެވެ. އަދި ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށްވެސް އަމުރުގައި ބުނެފައިވެއެވެ.

ޖުމާން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެއެވެ. އޭނާ، މިދިޔަ ހޯމަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި، 100 އަހަރަށް ބިންތައް ކުއްޔަށް ދޭ މައްސަލައާ ދެކޮޅަށް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި މުޒާހަރާކުރުމަށް ގޮވާލާފައިވެއެވެ. އަދި ރާއްޖޭގެ މަޝްހޫރު ފިހާރައެއްގެ ނަން ފާހަގަކޮށް، ފިހާރަ ލޫޓުވުމަށް ވެސް އެ ޕޯސްޓުގައި ހިތްވަރުދީފައިވެއެވެ.

ޖުމާންއަކީ މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުން ފާހަގަވެފައިވާ މީހެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު 3 ގައި އެމްޑީޕީން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ތުހުމަތުގައި ވެސް އޭނާ ހައްޔަރުކުރި ނަމަވެސް، އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖަހަން ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި ހައްޔަރުކުރި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހާފައެވެ.

ރިއެކްޝަންސް

ކޮމެންޓް