ފެންބޮޑުވެ ކުޅުދުއްފުށީގެ 140 އަށްވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަނީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވުމާ ގުޅިގެން، 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން ދެ ސްކޫލަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ވިއްސާރައިގެ ސަބަބުން ކުޅުދުއްފުށީގެ އެކި ހިސާބުތަކުގައި ފެންބޮޑުވެފައިވާއިރު، ހަތް ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންދާ ކަމަށެވެ. އަދި ދިރިނޫޅެވޭ ވަރަށް ފެން ވަދެފައިވާ ގެތަކުގެ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށާއި، މި ވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވަނީ ގޮދަޑި، ބާލިސް އަދި ބެޑްޝީޓް ކަމަށެވެ. ފެންބޮޑުވެ އެހީތެރިކަމެއް ބޭނުންވާނަމަ، ކައުންސިލުން ޤާއިމުކޮށްފައިވާ ވަގުތީ ހޮޓްލައިން ނަންބަރު 6527211 އަށް ގުޅުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.

ކައުންސިލްގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އެހީއަށް އެދި ގުޅި 170 އަށްވުރެ ގިނަ ފޯނު ކޯލަށް މިހާތަނަށް ޖަވާބުދީފައިވެއެވެ. އަދި ރަށުގެ ފަސް ސަރަހައްދެއްގައި ހަތް ޑީވޯޓަރިންގ ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ގެތަކަށް ފެން ވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމަށް ބޭނުންވާ ވެލި ވެސް ކައުންސިލުން ދޫކުރަމުން ދެއެވެ.

ކުޅުދުއްފުށީގައި ކުރިއަށްދާ އޮޕަރޭޝަނުގައި ދިވެހި ރެޑް ކްރެސެންޓްގެ ނޯތު ރީޖަނަލް އޮފީހާއި، ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާއި، އެމްއެންޑީއެފް، ޕަބްލިކް ވާރކްސް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)، ކުޅުދުއްފުށީ އެއަރޕޯޓް އަދި ރެއިންބޯ ކޮންސްޓްރަކްޝަނުން ވެސް ބައިވެރިވެ ހަރަކާތްތެރިވަމުން ދެއެވެ.

ވިއްސާރައިގައި ހއ. އަދި ހދ. އަތޮޅުގެ 18 ރަށެއްގައި ފެންބޮޑުވެ ގެއްލުންތައް ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. ހދ. ނޮޅިވަރަމުގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެ، މީހުން އެހެން ގެތަކަށް ބަދަލުވަމުންދާއިރު، ހދ. ނޮޅިވަރަންފަރުގައި ހާލަތު ގޯސްވި ގެތަކުގެ މީހުން އަމިއްލައަށް އެހެން ގެތަކަށް ބަދަލުވެފައިވެއެވެ. ހދ. ނެއްލައިދޫގެ 10 ވަރަކަށް ގެއަކަށާއި ހދ. ކުމުންދޫގެ ތިން ގެއަކަށް ވެސް ފެން ވަދެފައިވެއެވެ.

ހއ. ތަކަންދޫގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު، ފެން ހިންދުމަށް ކާނު ކޮނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ރޭ ފެންވަދެ ގެއްލުންވި ގެތަކުގެ އެސެސްމަންޓް ހަދަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. މީގެ އިތުރުން ޅ. ނައިފަރުގެ 16 ގެއަކަށް ފެންވަދެ، ދެ ގެއަކުން މީހުން ބަދަލުކޮށްފައިވެއެވެ.

ރިއެކްޝަންސް

ކޮމެންޓް