ހދ. ނޮޅިވަރަމަށް ރޭ މެންދަމުން ފެށިގެން މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހި، ރަށުގެ ގޭބިސީތަކުގެ 95 އިންސައްތަ ގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފެންބޮޑުވުމާ ގުޅިގެން ބައެއް ޢާއިލާތައް ރައްކާތެރި ތަންތަނަށް ބަދަލުކުރަން ފަށައިފިކަމަށެވެ. ގޭގޭގައި ހިފާގެންގުޅޭ ސާމާނަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ރަށު ކައުންސިލާ ހަވާލާދީ އެންޑީއެމްއޭއިން ބުނީ، ރަށުގެ ފަސް ސަރަޙައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަދިވެސް ފެންގަނޑު ހިންދިފައި ނުވާ ކަމަށެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި ކައުންސިލުން މިހާރު ވަނީ ސިފައިންގެ އެހީތެރިކަމަށް ވެސް އެދިފައެވެ.
ނޮޅިވަރަމު ކައުންސިލުގެ ރައީސް އަޙްމަދު އާމިރު މޫސާ "ވަގުތު" އަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހުން ފެށިގެން އެ ރަށަށް ދޭތެރެދޭތެރެއިން ވާރޭ ވެހެމުން ދިޔަ ނަމަވެސް، ރޭގެ 10:30 އިން ފެށިގެން މިއަދާ ހަމައަށް ވާރޭ ވެހިފައިވަނީ އެއްވެސް މެދުކެނޑުމެއް ނެތި ކަމަށެވެ. އަދި މިއީ އެރަށުގެ ތާރީޚުގައި މިހާ ބޮޑަށް ފެންބޮޑުވި ފުރަތަމަ ފަހަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފެންބޮޑުވުމުގެ ސަބަބުން ގިނަ ގޭގޭގެ ކޮޓަރިތަކަށާއި ސިޓިންގރޫމްތަކަށް ފެންވަދެ، ހިފާގެންގުޅޭ ގިނަ ސާމާނުތަކެއް ވަނީ ހަލާކުވެފައެވެ. މީގެ އިތުރުން ރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ޚިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ނޮޅިވަރަމުގެ އިތުރުން އުތުރުގެ އެހެން ބައެއް ރަށްރަށަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަމުންދެއެވެ. އެގޮތުން ހދ. ކުޅުދުއްފުށި ސިޓީގެ 190 އަށްވުރެ ގިނަ ގެއަކާއި ހދ. ނޮޅިވަރަންފަރުގެ 60 އަށްވުރެ ގިނަ ގެއަކަށް ފެންވަދެފައިވާއިރު، ޅ. ނައިފަރުގެ ދެ ގެއަކަށް ވެސް ފެން ވަދެފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
ވިއްސާރައިގެ ސަބަބުން އަސަރުކޮށްފައިވާ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން، އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.




