މޫސުން ރަނގަޅުވާނީ އާދިއްތަ ދުވަހުން، އަންގާރަ ދުވަހު އަލުން ގޯސްވާނެ: މެޓް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ މަޑުޖެހި، މޫސުން ރަނގަޅުވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ، މާދަމާވެސް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށާއި، މި ހަފުތާ ބަންދަށްފަހު އާދިއްތަ ދުވަހު މޫސުން ރަނގަޅުވާނެ ކަމަށެވެ.

ނަމަވެސް އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން އަނެއްކާވެސް ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު ކުޑަ ނަމަވެސް، ބޮޑަށް ބެލެވެނީ ވައިގަދަވާނެ ކަމަށެވެ.

މިއަދުގެ މޫސުމާ ބެހޭ ލަފާގައި ބުނެފައިވަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ރެކޯޑުކުރެވިފައިވަނީ ހދ. ކުޅުދުއްފުށި ސިޓީއަށެވެ. އެ ސިޓީއަށް 188.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ދެވަނައަށް އެންމެ ބޯކޮށް ވާރޭވެހުނު ހދ. ހަނިމާދޫއަށް 125.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މީގެ އިތުރުން ކ. ދިއްފުށްޓަށް 62.4 މިލިމީޓަރު، ފ. ނިލަންދޫއަށް 59.3 މިލިމީޓަރު، ނ. މާފަރަށް 58.7 މިލިމީޓަރު އަދި ރ. އިފުރަށް 52.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ.

މެޓް އޮފީހުން ވަނީ މިއަދު މެންދުރުފަހު 3:00 ގެ ނިޔަލަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

އަދި ރާއްޖޭގެ އުތުރާއި މެދުރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ، އެ ސަރަހައްދުތަކުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަން ދިނުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.

ރިއެކްޝަންސް

ކޮމެންޓް