ޕާކިސްތާނާއެކު މި ފެށުނީ ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް: ރައީސް

ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމުގައި އާ ބާބެއް ހުޅުވިގެންދިޔަ ތާރީހީ ދަތުރުފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ އެނބުރި ވަޑައިގަތުމަށް ފުރާވަޑައިގަތުމަށްފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ވަނީ، އެމަނިކުފާނަށާއި އަނބިކަނބަލުންނަށް އަދި ދިވެހި ވަފުދަށް ދެންނެވި ހޫނު މަރުޙަބާއާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއަށާއި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް، އަދި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް އިޚްލާސްތެރި ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ދެ ގައުމުގެ ގުޅުން ކުރިން ނުދެކޭފަދަ އުސްމިންތަކަކަށް ގެންގޮސް، ވޭތުވެދިޔަ 60 އަހަރުވީ ގާތް ރަޙްމަތްތެރިކަން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރާނެ އިގްތިސާދީ ފުރުސަތުތަކަކަށް ބަދަލުކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

މިގޮތުން، މިހާރު ދެ ގައުމުގެ ދެމެދުގައި ކުރެވޭ 13 މިލިއަން ޔޫއެސް ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ދަތުރުފުޅުގެ ތެރެއިން ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ވެގެންދިޔައީ ވަރުގަދަ ބިންގަލަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދަތުރުފުޅުގެ ތެރޭގައި އެކި ދާއިރާތަކުން 20 ފަހުމުނާމާއެއްގައި (އެމްއޯޔޫ) ސޮއިކޮށް ބަދަލުކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއިން ދޭހަކޮށްދެނީ ހަމައެކަނި އުންމީދުތަކެއްގައި ނުތިބެ އަމަލީ ގޮތުން ނަތީޖާ ނެރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަން ކަމަށެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު އިސްލާމްއާބާދުން ފުރާވަޑައިގަންނަވަނީ ވަރަށް ފޮނި ހަނދާންތަކަކާއެކު، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ވަރުގަދަ އަދި ދެމެހެއްޓެނިވި ބައިވެރިވުމެއް ގާއިމުކުރެވިއްޖެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކު ކަމަށެވެ.

ރިއެކްޝަންސް

ކޮމެންޓް