މާލެއާއި ކަރާޗީއާ ދެމެދު މޯލްޑިވިއަނުން ސީދާ ދަތުރުތައް ފަށަނީ

ދިވެހި ޤައުމީ އެއާލައިން، މޯލްޑިވިއަނުން މާލެއާއި ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.

ރައީސް އެކަން އިޢުލާނުކުރެއްވީ، ޕާކިސްތާނަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިސްލާމާބާދުގައި މިއަދު ފެށި މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ދެ ޤައުމުން އިއްޔެ ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

ރައީސް ވިދާޅުވީ، ޤައުމީ އެއާލައިންގެ ސީދާ ދަތުރުތައް ވަރަށް އަވަހަށް ޕާކިސްތާނަށް ފެށުމަށް ނިންމާފައިވާ ކަމަށާއި، އެ ފުރުސަތު އެހެން އެއާލައިންތަކަށްވެސް އޮތް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދު ވައިގެ މަގުން ސީދާ ދަތުރުތައް ފެށުމަށާއި ދަތުރުތައް އިތުރުކުރުމަށް، އެއާލައިންތަކަށާއި އޭވިއޭޝަން ދާއިރާގެ ކަމާބެހޭ ފަރާތްތަކަށް ރައީސް ގޮވާލެއްވިއެވެ.

"މި ދަތުރުތަކުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަވެ، ވިޔަފާރިއާއި ފަތުރުވެރިކަމުގެ އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ. ސިއްހީ ދާއިރާއާއި ބޭސްފަރުވާގެ ސިނާއަތަކީވެސް ފުރުސަތުތައް ފަހިވެފައިވާ މުހިންމު ދާއިރާއެއް،" ރައީސް ވިދާޅުވިއެވެ.

ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ކަނޑުމަގުން ގުޅިފައި އޮތުމަކީ އިޤްތިޞާދީ ދިރުމެއް ކަމަށް ވިދާޅުވި ރައީސް، މުދާ އުފުލުމަށްޓަކައި މިއަށްވުރެ ހަރުދަނާ މަގުތަކެއް ފަހިކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން، ދެ ޤައުމުގެ ދެމެދު ސީދާ އަދި އިޤްތިޞާދީ ގޮތުން ފައިދާހުރި ދަތުރުފަތުރުގެ ނިޒާމެއް ބިނާކުރުމަށް، ދެ ޤައުމުގެ ޝިޕިން، ޕޯޓް އަދި ލޮޖިސްޓިކްސް ކުންފުނިތަކަށް ރައީސް ވަނީ ބާރުއަޅުއްވާފައެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ގުޅުން އެހެން ދާއިރާތަކުންވެސް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ޚާއްޞަކޮށް ކާބޯތަކެތީގެ ދާއިރާ ރައީސް ފާހަގަކުރެއްވިއެވެ.

ޕާކިސްތާނުގެ ޤައުމީ އެއާލައިން، ޕީއައިއޭގެ ދަތުރުތައް ރާއްޖެއަށް ފެށުން އަވަސްކުރުމަށް އަންގާފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަންސް

ކޮމެންޓް