ވިއްކާ މުދަލުގައި އަގު ނުޖަހާތީ 17 ފިހާރައަކަށް ނޯޓިސް ދީފި

ވިއްކާ މުދަލުގައި ޤާނޫނާ އެއްގޮތަށް އަގު ޖަހާފައިވޭތޯ ބެލުމަށް މާލޭގައި ކުރިއަށްގެންދިޔަ ޚާއްޞަ އިންސްޕެކްޝަނެއްގައި، ޤަވާޢިދާ ޚިލާފުވި 17 ފިހާރައަކަށް އިކޮނޮމިކް މިނިސްޓްރީން ނޯޓިސް ދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުގައި، މި މަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޖުމްލަ 34 ފިހާރައެއް ވަނީ ބަލައި ފާސްކޮށްފައެވެ. އޭގެ ތެރެއިން ޤާނޫނާ އެއްގޮތަށް މުދަލުގައި އަގު ޖަހައިގެން ވިޔަފާރިކުރަމުން ދިޔައީ 17 ފިހާރައެއްގައެވެ.

ބާކީ 17 ފިހާރައިން މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނާ ޚިލާފުވެފައިވާތީ، ޤާނޫނާ އެއްގޮތަށް އަގު ޖެހުމަށް އަންގައި އެ ތަންތަނަށް ވަނީ ނޯޓިސް ފޮނުވާފައެވެ.

އެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން ގަންނަ މީހާއަށް ސާފުކޮށް އެނގެން ނެތް ނަމަ، އެ މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ. އެގޮތުން ސީދާ މުދަލުގައި އަގު ލިޔެފައި، ޕްރިންޓްކޮށްފައި ނުވަތަ ލޭބަލް ހަރުކޮށްފައި ހުންނަންޖެހޭއިރު، މުދާ ބަހައްޓާފައިވާ ހަރުގަނޑުތަކުގައި އަގު ބަޔާންކުރާނަމަ، އެއީ ކޮން މުދަލެއްގެ އަގެއްކަން ކަސްޓަމަރުންނަށް ފަސޭހައިން އެނގޭނެ ގޮތަކަށް ސާފުކޮށް ފެންނަން ހުންނަންވާނެއެވެ.

މި ފިޔަވަޅު އަޅަން ފެށީ، ވިޔަފާރި ތަންތަނުން މުދާ ގަންނައިރު އަގު ސާފުވާން ނުހުންނަ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން މެދުނުކެނޑި ލިބެމުންދާތީ، މި މަހުގެ 14 ވަނަ ދުވަހު މިނިސްޓްރީން އެކަން އިޢުލާނުކުރުމަށް ފަހުގައެވެ.

މިފަދަ އިންސްޕެކްޝަންތައް ކުރިއަށްއޮތް ތަނުގައިވެސް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޤާނޫނާ ޚިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު، ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކުރުމާއި އެނޫންވެސް ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރުވެސް އެ މިނިސްޓްރީން ވަނީ ދީފައެވެ.

މީގެ އިތުރުން، ބާޒާރުގައި އަސާސީ މުދަލުގެ އަގުތައް ފަސޭހައިން ބަލާލެވޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރުން ތައާރަފުކުރި "އަގުމަގު" ޕޯޓަލްގައި މިހާތަނަށް 224 ފިހާރައެއް ރަޖިސްޓްރީވެފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ރިއެކްޝަންސް

ކޮމެންޓް