ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ ރޭގަނޑު ޝިފްޓް އެލަވަންސް ކުޑަކޮށްފި

ޑޮކްޓަރުންނާއި ނަރުހުން އަދި ލެބް ޓެކްނިޝަނުން ހިމެނޭ ގޮތަށް، ޞިއްޙީ ދާއިރާގެ ޓެކްނިކަލް މުވައްޒަފުން ރޭގަނޑު އަދާކުރާ ޑިއުޓީއަށް ދެމުން އައި ޝިފްޓް އެލަވަންސް 100 ރުފިޔާއިން 60 ރުފިޔާއަށް ކުޑަކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ މިދިޔަ އޮގަސްޓު މަހު ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކުއެވެ. އެގޮތުން ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު މަސައްކަތްކުރާ ދުވަސްތަކަށް ދެމުން އައި 100 ރުފިޔާގެ އެލަވަންސް ވަނީ 60 ރުފިޔާއަށް ދަށްކޮށްފައެވެ. ނަމަވެސް ހެނދުނު 6 އާއި ރޭގަނޑު 12 އާ ދެމެދު މަސައްކަތްކުރާ ދުވަސްތަކަށް ކުރިއެކޭ އެއްގޮތަށް މިހާރުވެސް ދެނީ 40 ރުފިޔާއެވެ.

ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ 2023 ވަނަ އަހަރުގެ މެއި މަހު ބޮޑުކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީން އާންމުކުރި ޕޭ ފްރޭމްވޯކުގައި ވާގޮތުން ޝިފްޓު އުސޫލުން ރޭގަނޑު ޑިއުޓީ ކުރާނަމަ 100 ރުފިޔާގެ އެލަވަންސެއް ދޭންޖެހެއެވެ.

މި ބަދަލާއެކު، މިދިޔަ ސެޕްޓެމްބަރު މަހުގެ މުސާރަ ދީފައިވަނީ ރޭގަނޑު ޝިފްޓު އެލަވަންސް ކުޑަކޮށްފައެވެ.

މިކަމާ ގުޅިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ރޭގަނޑު ޝިފްޓުގައި މަސައްކަތްކުރާ މުވައްޒަފުން މަދުވިޔަސް، އެ ވަގުތުތަކުގައިވެސް ފަރުވާ ހޯދަން އަންނަ ބަލިމީހުންގެ އަދަދު މަދުނުވާ ކަމަށް ބައެއް ޑޮކްޓަރުން ފާހަގަކުރެއެވެ. އަދި އެ ވަގުތު ކުރާ މަސައްކަތަށް 100 ރުފިޔާއަކީވެސް ބޮޑު އެއްޗެއް ނޫން ކަމަށް ބައެއް ޑޮކްޓަރުން ބުނެއެވެ.

މީގެ އިތުރުން، ބައެއް ހޮސްޕިޓަލްތަކުގައި ޑޮކްޓަރުން މަދުވުމުގެ ސަބަބުން ހަފުތާގެ ހަ ދުވަހު ޑިއުޓީ ކުރުމަށް ފަހު އޮފް ދުވަހުވެސް ނުކުންނަން ޖެހޭ ކަމަށް ބައެއް ޑޮކްޓަރުން ފާހަގަކުރެއެވެ. ހަމައެއާއެކު، ބަޖެޓު ނެތް ކަމަށް ބުނެ ސިވިލް ސަރވިސް މުވައްޒަފުންގެ އޯވަރޓައިމް އެލަވަންސް ކުޑަކޮށް، އިތުރު ޑޮކްޓަރުން ނަގާނެ ކަމަށް ވީ ވަޢުދުވެސް ނުފުއްދޭ ކަމަށް ޑޮކްޓަރުން ބުނެއެވެ.

ރިއެކްޝަންސް

ކޮމެންޓް