އަލައްބާރަށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ގެއްލުންވާނެ ކަމެއް: ރައީސް ނަޝީދު

ރަސްމާލޭގައި "ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ހިންގުމަށް އީގަލް ހިލްސްއާ ހަވާލުކުރި މައްސަލައިގައި، އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރަށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ގެއްލުންވާނެ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރޭ ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ވިދާޅުވީ، މި މަޝްރޫޢާ ގުޅުވައިގެން ސީދާ އަލައްބާރަށް ފުރައްސާރަކުރުމުގެ ސަބަބުން، ރާއްޖޭގައި މިހާރު ހުރި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އިންވެސްޓްމަންޓްތަކަށްވެސް ނޭދެވޭ އަސަރުކޮށް، ހުއްޓުމަކަށް އަތުވެދާނެ ކަމަށެވެ.

"މެންބަރުންނަށް ދަންނަވާލަން ބޭނުން. އަލީ އާޒިމް ޕާޓީއިން ވަކިކުރީ މަޖިލިސްގެ މެންބަރަކަށް ހުންނަވާ ޕާޓީގެ ސިޔާސަތާ އިދިކޮޅަށް ވާހަކަދައްކަވައިގެން. އީގަލް ހިލްސް ކަންތަކާ ގުޅޭ ގޮތުން ޕާޓީން ވަނީ ބަޔާނެއް ނެރެފައި،" ރައީސް ނަޝީދު މެސެޖުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު މި މެސެޖު ފޮނުއްވާފައިވަނީ، ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިން މައްސަލާގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް، އެއްބަސްވުމާ ދެކޮޅަށް ގިނަ ކަންތައްތަކެއް ފާހަގަކޮށް، އިއްޔެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާ ހިނދުއެވެ.

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބޭރުގެ އިންވެސްޓަރުންނަށް އެ ޕާޓީން އަބަދުވެސް މަރުހަބާ ކިޔާ ކަމަށާއި، އެ ފަރާތްތަކަކީ ދިވެހިރާއްޖޭގެ ތަރައްގީގައި ނުހަނު މުހިންމު ބައެއް ކަމަށް ދެކޭ ކަމަށެވެ. ނަމަވެސް އެއްބަސްވުމުގެ ފުރިހަމަ ތަފްސީލު ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

އީގަލް ހިލްސްގެ މަޝްރޫޢާ ދެކޮޅަށް ރައީސް ނަޝީދު މިހާތަނަށް އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ. އެ މަޝްރޫޢު ރާއްޖޭގައި ހިންގުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، މައްސަލައަކީ މާލެ ސަރަހައްދުގައި އެ މަޝްރޫޢު ކުރިއަށް ގެންދިއުން ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ، އެއްބަސްވުމުގެ މަޢުލޫމާތު މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކާ ހިއްސާކުރައްވާނެ ކަމަށެވެ.

ދިވެހި ސަރުކާރުން އަބޫދާބީގެ އީގަލް ހިލްސްއާއެކު ފާއިތުވި ސެޕްޓެމްބަރު މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ރަސްމާލޭގެ 500 ހެކްޓަރުގެ ސަރަހައްދެއްގައި 20 ބިލިއަން ޑޮލަރުގެ މި މަޝްރޫޢު ތަރައްޤީކޮށް ހިންގާނީ އެ ކުންފުންޏެވެ.

ރިއެކްޝަންސް

ކޮމެންޓް