މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 33 ގެއަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.
އެންޑީއެމްއޭއިން ހާމަކުރި ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި 33 ގޭބީސީގެ އިތުރުން އެހެނިހެން ތަންތަނަށްވެސް ވަނީ ފެނުގެ އަސަރުކޮށްފައެވެ.
ފެން ވަދެގެން ރިޕޯޓުކުރި ތަންތަން:
-
ސަރުކާރުގެ އިމާރާތްތަކާއި ސްކޫލް: ސަރުކާރުގެ 5 އިމާރާތަކާއި 4 ސްކޫލު.
-
ވިޔަފާރިތަކާއި އޮފީސް: 6 ކެފޭ، 2 ކްލިނިކް، 2 ގުދަން، 1 އޮފީސް އިމާރާތް އަދި ކޮންސްޓްރަކްޝަން ސައިޓެއް.
މީގެއިތުރުން ނަޖިސް ލީކުވެގެންވެސް ރިޕޯޓުކޮށްފައިވާއިރު، ފެނުގެ އަސަރުކުރި ގޭބީސީތަކުގައި ވަނީ ވެލިބަސްތާ ޖަހައިދީފައެވެ. މާލޭގެ 10 ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ އެމްއެންޑީއެފް، ފުލުހުން، ދިވެހި ރެޑް ކްރެސެންޓް، މާލެ ސިޓީ ކައުންސިލް، އެމްޓީސީސީ އަދި އެޗްޑީސީ ގުޅިގެންނެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ގއ. ގެމަނަފުއްޓަށެވެ (101.8 މިލިމީޓަރު). ދެވަނައަށް އެންމެ ގިނައިން ހުޅުލެއަށް (90.3 މިލިމީޓަރު) ވާރޭވެހުނުއިރު، ތިންވަނައަށް އެންމެ ގިނައިން ވާރޭވެހުނީ މާލެއަށެވެ (90 މިލިމީޓަރު).




