ޕާކިސްތާނުގެ ސެނެޓުގެ ޗެއާމަން، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އެ ގައުމުގެ ސެނެޓްގެ ޗެއާމަން ސައްޔިދު ޔޫސުފް ރަޒާ ގީލާނީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވޭނެ އައު މަގުތައް ހޯދުމާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގެ ރައީސް ސަރުދާރު އަޔާޒް ޞާދިޤްވެސް ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މަޞްލަޙަތާ ގުޅުންހުރި ކަންކަމުގައި ޚިޔާލު ބަދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ބަރުލަމާނީ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ.

ރައީސް މުޢިއްޒު ޕާކިސްތާނަށް މި ފުރަމާނަ ދަތުރުފުޅު ކުރައްވަނީ، އެ ގައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށެވެ. މި ދަތުރުފުޅު ކުރިއަށްދާނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ދަތުރުފުޅުގައި ދަތުރުފަތުރާއި، ތަޢުލީމާއި، ސިއްޙީ އަދި ދިފާޢީ ދާއިރާ ހިމެނޭހެން 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި ދަތުރުފުޅު ދިމާވެފައި މި ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދެ ގައުމުގެ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.

ރިއެކްޝަންސް

ކޮމެންޓް