ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި އެ ރަށެއްގައި ތިބޭ ފުލުހުންގެ އަދަދަށްވުރެ މުހިންމީ، ރައްޔިތުންނާ ގުޅިގެން އޯގާތެރިކަމާއެކު ގާނޫނީ ޒިންމާ އަދާކޮށް، ރަށުގެ އަމާންކަން ދެމެހެއްޓުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ، ހދ. ކުމުންދޫގައި އަލަށް ބިނާކުރި ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމަށް އިއްޔެ އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސީޕީ ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ރަށުގައި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަށް ނޫން ކަމަށެވެ. އެންމެ މުހިންމު ކަމަކީ ރައްޔިތުންނާ ގުޅިގެން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އޯގާތެރިކަމާއި ހިކުމަތްތެރިކަމާއެކު ގާނޫނީ ޒިންމާ އަދާކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ރެކްރޫޓްމަންޓް އިތުރުވަމުންދާ ވަރަކަށް، ކުރިއަށް އޮތް ތަނުގައި ކުމުންދޫގައި މަސައްކަތްކުރާ ފުލުހުންގެ އަދަދުވެސް އިތުރުކުރެވިގެންދާނެ ކަމުގެ ޔަގީންކަން ވެސް ސީޕީ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުލުހުންގެ އުމްރާނީ ތަރައްގީއަށް ދެއްވާ ޚާއްޞަ ސަމާލުކަމާއި، މަރުކަޒުތައް ނެތް ރަށްރަށުގައި ފުލުހުންގެ އަމިއްލަ ބިމުގައި ޒަމާނީ ވަސީލަތްތަކާއެކު މަރުކަޒުތައް ގާއިމުކުރުމަށް ފައްޓަވާފައިވާ މަޝްރޫޢު ފާހަގަކުރައްވައި، ކޮމިޝަނަރ ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މާޒީގައި އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލް އިދާރާތަކާއި ކުއްޔަށް ހިފާފައިވާ ކޮޓަރިތަކުގައި މަސައްކަތްކުރަން ޖެހުމުން ކުރިމަތިވި ދަތިތައް ހަނދާންކޮށްދެއްވަމުން ސީޕީ ވިދާޅުވީ، މި ފެށުނީ ފުލުހުންގެ އަމިއްލަ ދާއިމީ މަރުކަޒުތަކުން ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދެވޭނެ އައު ބާބެއް ކަމަށެވެ. އަދި ކުމުންދޫ މަރުކަޒުގެ މަސައްކަތް އަވަހަށް ނިންމާލެވުނީ އެ ރަށު ކައުންސިލާއި ރައްޔިތުން ދެއްވި އެއްބާރުލުމުގެ ސަބަބުން ކަމަށް ވިދާޅުވެ، އެ ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ފުލުހުން ވަކިވަކި އޮޕަރޭޝަންތަކަށް އިސްކަންދޭ ވަގުތުތަކުގައި އެހެނިހެން ޚިދުމަތްތަކަށް ބަދަލު އަތުވެދާނެ ކަމަށް އާންމުން ދެކޭ ދެކުމަށް ރައްދު ދެއްވަމުން ސީޕީ ވިދާޅުވީ، އެފަދަ ހާލަތްތަކުގައިވެސް ގާނޫނުން މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ފުލުހުން އިހުމާލު ނުވާނެ ކަމަށެވެ. ކުމުންދޫއަކީ އާންމުކޮށް ކުށް މަދު ރަށެއް ނަމަވެސް، އެކަމަށް ފަރުވާކުޑަނުކޮށް ފާރަވެރިކަމާއެކު ރަށުގެ އަމާންކަން ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ރަށުގައި ތިބި ފުލުހުންނަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.
ކޮމިޝަނަރގެ ވާހަކަފުޅު ނިންމަވާލެއްވީ ފުލުހުންގެ ތަރައްގީގެ ކަންކަމަށް ވަރަށް ގާތުން ބައްލަވައި އެއްބާރުލުން ދެއްވާ ކަމަށްޓަކައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް އަހަރަށް ފުލުހުންގެ ލަނޑުދަނޑިތައް ކަނޑައަޅާއިރު، ކައުންސިލާއި ރައްޔިތުންނާ މަޝްވަރާކޮށްގެން މުޖުތަމަޢު ބޭނުންވާ ފަދަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ސާބިތުވެ ތިބުމަށް ހުރިހާ ފުލުހުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ކުމުންދޫ ފުލުހުންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ކަމަށްވާއިރު، ޤައުމީ ދިދަ ނަންގަވައިދެއްވީ ކުމުންދޫ ކައުންސިލުގެ ރައީސް ޢަލީ ޤާސިމެވެ.




