މޫސުން އިތުރަށް ގޯސްވެ، ކ. އަތޮޅުން ވ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފި

ރާއްޖޭގެ މޫސުން އިތުރަށް ގޯސްވެ، ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އޮރެންޖު އެލާޓު ނެރެފިއެވެ.

މި އިންޒާރު ނެރެފައިވަނީ މިރޭ 20:50 އިން ފެށިގެން 22:30 އާ ހަމައަށެވެ.

މެޓް އޮފީހުން މިއަދު ހަވީރު 5:00 އިން މިރޭ 9:00 އާ ހަމައަށް އެ ސަރަހައްދުތަކަށް ފުރަތަމަ ނެރުނީ ރީނދޫ ސަމާލެކެވެ. އެ ސަމާލުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް ވިއްސާރަ އިތުރަށް ވަރުގަދަވުމާ ގުޅިގެން ސަމާލުގެ ދަރަޖަ ވަނީ ތިންވަނަ ލެވެލް ކަމަށްވާ އޮރެންޖަށް މަތިކޮށްފައެވެ.

އާންމުކޮށް އޮރެންޖު އިންޒާރު ނެރެނީ އެއް ގަޑިއިރު ތެރޭ 90 މިލިމީޓަރުގެ ވާރޭ ނުވަތަ ހަ ގަޑިއިރު ތެރޭ 120 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ހާލަތްތަކުގައެވެ.

އެލާޓު ނެރުނުއިރުވެސް މާލެ ހިމެނޭހެން މި ސަރަހައްދަށް ދަނީ މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހެމުންނެވެ. ވާރޭގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަވިސްއިން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށާއި، ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި އާންމު ރައްޔިތުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، މި ދުވަސްވަރު މޫސުން ގޯސްވެފައިވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ އިތުރުން، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުންނެވެ. ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެއެވެ.

ރިއެކްޝަންސް

ކޮމެންޓް