މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ބައިވެރިވުމަށް ރެޖިސްޓްރީވުން ހުޅުވާލައިފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ 13 ވަނަ އެޑިޝަންގައި ބައިވެރިވުމަށް ރެޖިސްޓްރީވުމުގެ ފުރުސަތު އެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ. މިއަހަރުގެ ފޯރަމްގެ ޝިއާރަކީ "ގްރީން ފައިނޭންސް: އަންލޮކިންގ ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" އެވެ.

ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ މެދުގައެވެ.

ޕެންޝަން އޮފީހުން ފާހަގަކުރި ގޮތުގައި، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކަކީ މިހާރު މާލީ ނުރައްކަލެއްގެ ގޮތުގައި އިންވެސްޓަރުންނާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ދެކޭ ކަމެކެވެ. މިކަމުގެ ސަބަބުން ގައުމުތަކާއި މުއައްސަސާތަކަށް ދިގުމުއްދަތުގެ ރައުސްމާލު ލިބުމުގައި އަމަލުކުރާ އުސޫލުތަކަށް ބަދަލުތަކެއް އަންނަމުންދެއެވެ.

އެހެންކަމުން، ރާއްޖޭގައި އިތުބާރު ހުރި ގްރީން ފައިނޭންސް މާކެޓެއް ގާއިމުކުރުމަށް ކުރަންޖެހޭ ކަންކަމާއި، ރާއްޖޭގެ ތަރައްގީގެ ސިޔާސަތުތަކާ ގުޅޭ މާލީ ވަސީލަތްތަކާއި މާކެޓުގެ ހާލަތްތަކާ ބެހޭގޮތުން މި ފޯރަމްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކާއި، ނޫ އިގްތިސާދުގެ ދާއިރާއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރެވޭނެ ގޮތްތަކަށްވެސް މި ފޯރަމްގައި އަލިއަޅުވާލެވޭނެ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރު އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މައި އިދާރާގެ ހައިސިއްޔަތުން، ޕެންޝަން ފަންޑުގެ މެންބަރުންގެ މާލީ ރައްކާތެރިކަން ބިނާވެފައިވަނީ ގައުމުގެ ވިލުންތެރި އަދި ދެމެހެއްޓެނިވި އިގްތިސާދީ ސިޔާސަތުތަކާއި، ދިގުމުއްދަތުގައި އެކަށީގެންވާ ނަފާއެއް ލިބޭނެ އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައްޗަށް ކަމަށް އެ އޮފީހުން ބުނެއެވެ.

މި ފޯރަމަކީ ގައުމީ އަދި ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާއި މާލީ ދާއިރާގެ އިސްފަރާތްތަކާ ހިޔާލު ބަދަލުކޮށް، ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ ތެރެއިން ރާއްޖެއަށް ފަހިވެފައިވާ އައު ފުރުސަތުތައް ދެނެގަތުމަށް ބައިވެރިންނަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. ފޯރަމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓްރީވެވޭނެއެވެ.

ރިއެކްޝަންސް

ކޮމެންޓް