ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗު، ފަހަތުން އަރައި 4-3 ގެ ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ 29 މިނެޓުގެ ތެރޭގައި މިކައުޓަޑްޒޭ އާއި ސާޖީ ކާޑޯނާ ޖެހި ލަނޑުތަކުން ވިޔަރެއާލުން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، އެލެކްސިސް މެކަލިސްޓާ އަދި އަރައުހޯ ޖެހި ލަނޑުތަކާއެކު ލިވަޕޫލުން ފުރަތަމަ ހާފު ނިންމާލީ 2-2 އިން ނަތީޖާ ހަމަހަމަކޮށްގެންނެވެ.
ދެވަނަ ހާފުގައި ލިވަޕޫލުން ކުޅުން ވަރުގަދަކޮށް، މެކަލިސްޓާ ކާމިޔާބުކުރި ދެވަނަ ލަނޑާއި ފްލޯރިއަން ވާޓްޒްގެ ލަނޑުން 4-2 އަށް ލީޑު ފުޅާކުރިއެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ވިޔަރެއާލުން އިތުރު ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ލިވަޕޫލުން ވަނީ މޮޅުވެ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.
މި ކާމިޔާބީއާއެކު ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ޕީއެސްޖީއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ލިވަޕޫލް ދެވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާ ވިޔަރެއާލް އޮތީ ތާވަލުގެ 19 ވަނައިގައެވެ.




