ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް، އައްޑޫ ސިޓީ، އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާ މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، އެ ސަރަހައްދުތަކުގައި ކުންފުނީގެ ފުރަތަމަ ބިލިންގ ސައިކަލް 22 އޮކްޓޫބަރު 2026 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ބަދަލާއެކު، ފެން މީޓަރުތަކުގެ ރީޑިންގ ނެގުމަށްޓަކައި ކުންފުނީގެ މުވައްޒަފުން ރަސްމީ ޔުނިފޯމުގައި ގޭބިސީތަކަށާއި ޚިދުމަތް ދެމުންގެންދާ އެކި ޢިމާރާތްތަކަށް ޒިޔާރަތްކުރަމުން ގެންދާނެއެވެ. އެހެންކަމުން، މީޓަރު ހަރުކޮށްފައިވާ ސަރަހައްދުތަކަށް ފަސޭހައިން ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެމްޑަބްލިޔުއެސްސީން ވަނީ ކަސްޓަމަރުންގެ ކިބައިން އެދިފައެވެ.
ޚިދުމަތް ބަދަލުވަމުންދާ މި މަރުޙަލާގައި، އެއްވެސް ކަސްޓަމަރަކަށް ދެމުންދާ ޚިދުމަތަށް ބުރޫނާރައި، މެދުނުކެނޑި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ކުންފުނިން ދީފައިވާއިރު، ބިލުތަކަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކުރުމަށް ވެސް ކަސްޓަމަރުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޚިދުމަތްތައް ލުއިފަސޭހައިން ހޯދުމަށްޓަކައި، ކުންފުނީގެ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑުކޮށް އެކައުންޓް ރަޖިސްޓްރީ ކުރުމަށް ވެސް އެމްޑަބްލިޔުއެސްސީން އެދިފައިވެއެވެ. މި އެޕްލިކޭޝަން އެންޑްރޮއިޑް އަދި އައިއޯއެސް ޕްލެޓްފޯމުތަކުން ލިބެން ހުންނާނެއެވެ.
ކަސްޓަމަރުންނަށް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދެ ސިޓީގައި ވަގުތީ ކަސްޓަމަރ ސަރވިސް ކައުންޓަރުތަކެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން، އައްޑޫ ސިޓީގައި ޚިދުމަތް ދެމުންގެންދާނީ ފޭދޫ ހިރިޔާ މަގުގައި ހުންނަ އޮފީހުންނެވެ. ފުވައްމުލަކު ސިޓީގައި ޚިދުމަތް ދޭނީ ނައިބުތުއްތު ހިނގުމާއި މިސްކިތް މަގު ގުޅޭ ސަރަހައްދުގައި ހުންނަ އޮފީހުންނެވެ.
މި ބަދަލުތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 އަށް ގުޅުމުން ނުވަތަ ކުންފުނީގެ ރަސްމީ އީމެއިލަށް ލިޔުމުން އެހީތެރިކަން ލިބޭނެއެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް އެމްޑަބްލިޔުއެސްސީއަށް ބަދަލުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ވަނީ ކުރިން ސޮއިކޮށްފައެވެ.




