ޗެމްޕިއަންސް ލީގު: ބާސެލޯނާ ބަލިކޮށް ޕީއެސްޖީން ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސްޕެއިނުގެ ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއިން ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފިއެވެ.

ޕެރިހުގެ ޕާކް ޑެސް ޕްރިންސަސްގައި ކުޅުނު މި މެޗުގައި ޕީއެސްޖީއަށް ލީޑު ހޯދައިދިނީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ޒުވާން ފޯވާޑް ޑިޒެއާ ޑޫއޭއެވެ.

ބާސެލޯނާއިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު ޒަވީ އެސްޕާޓްއެވެ. އަދި 72 ވަނަ މިނެޓުގައި ޑޫއޭ ކޯނަރަކުން ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ޑިފެންޑަރު ލޫކަސް ހެނާންޑޭޒް ވަނީ ޕީއެސްޖީއަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ.

ބާސެލޯނާއަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދިނީ 79 ވަނަ މިނެޓުގައި ލަމީން ޔަމާލްއެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ވިޓީނިއާ ވަނީ ޕީއެސްޖީއަށް އަލުން ލީޑު ހޯދައިދީފައެވެ. ޕީއެސްޖީގެ ލީޑު ފުޅާކުރި ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ފަބިއަން ރުއިޒްއެވެ.

މި މެޗުގައި ޕީއެސްޖީއިން ބާސެލޯނާގެ ގޯލަށް އަމާޒުކޮށް 22 ހަމަލާ ފޮނުވާލިއިރު، އޭގެ ތެރެއިން 15 ހަމަލާ ވަނީ ސީދާ ގޯލަށް އަމާޒުވެފައެވެ.

މި ނަތީޖާއާއެކު ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ މިވަގުތު އޮތްއިރު، ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން 11 މެޗުން މޮޅުވެފައި އޮތް ބާސެލޯނާ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވުމާއެކު، ހަ ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައަށް ވެއްޓިފައެވެ.

ރިއެކްޝަންސް

ކޮމެންޓް