ރިޔާޟް އެއާޕޯޓަށް ހޫތީން ދިން މިސައިލް ހަމަލާއެއްގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ހޫޘީން ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިއްޔެ ދިން މި ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އާންމު ރައްޔިތުންނާއި މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، މުޅި ސަރަހައްދުގެ އަމަންއަމާންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ސަޢޫދީ ސަރުކާރަށް ތައުޒިޔާ ފޮނުވައި، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް ދިވެހި ސަރުކާރުން ވަނީ އެދިފައެވެ.

ޚާރިޖީ ވުޒާރާއިން އިތުރަށް ބުނީ، ރާއްޖެ އަބަދުވެސް ސަޢޫދީ ޢަރަބިއްޔާއާ އެކު ސާބިތުކަމާއެކު އޮންނާނެ ކަމަށާއި، އެ ގައުމުގެ ސިޔާދަތާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށެވެ. ހަފުތާއެއްގެ ތެރޭގައި އެއާޕޯޓަށް ދިން ތިންވަނަ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސަޢޫދީގެ އިތުރުން އެކި ގައުމުތަކުގެ ރައްޔިތުން ހިމެނެއެވެ. މި ހަމަލާއާ ގުޅިގެން ރިޔާޟަށް ކުރަން އޮތް ހުރިހާ ފްލައިޓެއް ޑައިވާޓުކޮށް އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓިފައިވާއިރު، ހޫޘީން ވަނީ ސަޢޫދީގެ ވައިގެ ސަރަހައްދުން ދަތުރުނުކުރުމަށް ބައިނަލްއަގުވާމީ އެއާލައިންތަކަށް އިންޒާރުވެސް ދީފައެވެ.

ރިއެކްޝަންސް

ކޮމެންޓް