އަމީނީ މަގު މަރާމާތުކުރުމުގެ ދަށުން ސެގްމަންޓް 3 ގައި މި ހަފުތާގައި ތާރު އަޅަނީ

އަމީނީ މަގު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން ސެގްމަންޓް 3 ގައި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަހައްދުގެ މަސައްކަތް މި މަހުގެ 4 ވަނަ ދުވަހު ފަށާފައިވާއިރު، އެ ސަރަހައްދުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ހޯމަ ދުވަހު ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 1،924 އަކަމީޓަރުގެ ސަރަހައްދެއްގެ ތާރު އަލުން އަޅައި ނިންމުމަށްފަހު، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެއެވެ.

އަމީނީ މަގުގައި ވަޅުގަނޑުތައް ހެދި، އުޅަނދުތައް ދުއްވުމަށް ދަތިވާތީ މިދިޔަ ޖޫން މަހުގެ 15 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ފުރަތަމަ ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އަދި ސެގްމަންޓް 3 ގެ މަސައްކަތަށްފަހު، ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ ސެގްމަންޓް 4 ގެ 1،148 އަކަމީޓަރުގެ ސަރަހައްދުގައި ކުރިން އަޅާފައިވާ ތާރު ނަގައި އަލުން ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ރިއެކްޝަންސް

ކޮމެންޓް