ރާއްޖޭގައި ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ސެޕްޓެމްބަރު 2026 ގެ ނިޔަލަށް 15,885 މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު ދަފުތަރުގައި ރަޖިސްޓްރީވެފައިވަނީ 6,710 އަންހެނުންނާއި 9,175 ފިރިހެނުންނެވެ. މީގެ ތެރޭގައި އަލަށް ދަފުތަރުގައި ރަޖިސްޓްރީކުރި 263 މީހުން ހިމެނޭއިރު، އުމުރުން 19 އަހަރުން ދަށުގެ 5,396 ކުދިންނާއި، 18-64 އަހަރާ ދެމެދުގެ 8,094 މީހުންގެ އިތުރުން 65 އަހަރުން މަތީގެ 2,395 މީހުން ހިމެނެއެވެ.
ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ނުކުޅުދުންތެރިކަން ހުންނަ 4,270 މީހުންނާއި މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ 3,585 މީހުންނެވެ. އެންސްޕާއިން ވަނީ ނުކުޅުދުންތެރިކަން ހުންނަ 15,571 މީހަކަށް މާލީ އެހީގެ ގޮތުގައި 59.2 މިލިއަން ރުފިޔާ އަދި ތެރަޕިއުޓިކް ފަރުވާއަށް 4.8 މިލިއަން ރުފިޔާ ފޯރުކޮށްދީފައެވެ. މީގެއިތުރުން، ތެލެސީމިއާ އެލަވެންސްގެ ގޮތުގައި 541 މީހަކަށް 1.08 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އެކަނިދަރިން ބަލަހައްޓާ 3,313 މައިންބަފައިންގެ 5,708 ކުދިންނަށް މާލީ އެހީގެ ގޮތުގައި 17.1 މިލިއަން ރުފިޔާ ވަނީ ފޯރުކޮށްދީފައެވެ.




