ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ ބުދަ ދުވަހުގެ މެންދަމު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި އަދިވެސް ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
ބުދަ ދުވަހުގެ މެންދަމު 02:55 ހާއިރު ހިނގި މި ހާދިސާގައި ޖުމްލަ ފަސް މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔައިރު، އައިސީޔޫގައި ތިބި ދެ މީހުން ފިޔަވައި ބާކީ ތިބި މީހުންގެ ތެރެއިން ދެ މީހަކަށް ވޯޑުގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ވަންވޭއާ އިދިކޮޅަށް ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް، ދެ މީހުންނާއެކު ގަވާއިދުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ. އަދި ޤަވާއިދާ ޚިލާފަށް ދުއްވި ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށްވެސް ފުލުހުން ބުންޏެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހަކުވެސް ހިމެނެއެވެ.




