ވިލިމާލޭގެ ކޮޓަރިއެއްގެ ތެރޭގައި ތިއްބައި ހައްޔަރުކުރި މަޝްހޫރު ތިން ފިލްމީ ތަރިން ހިމެނޭހެން ހަތަރު މީހެއްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތު ފުލުހުން ކޮށްފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނުގައި ބާރުގެ ބޭނުންކޮށްގެން ކޮޓަރި ހުޅުވައި ހައްޔަރުކޮށްފައިވަނީ ފިލްމީ ތަރިން ކަމަށްވާ އަހުމަދު އަޒްމީލް، އިސްމާއިލް ޖުމައިހު، މުހައްމަދު ވިޝާލް (ރޯމަން) އަދި އަޒްމީލުގެ ކޮއްކޮ ޝާހިލު މުހައްމަދެވެ. ފުލުހުން ވަތްއިރު އެ ކޮޓަރީގެ މޭޒުމަތީގައި މަސްތުވާތަކެތި ހުރީ ހާމައަށެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި ބަންދު މުއްދަތު މަޖިލީހުގައި ފުލުހުން ބުނީ، އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަން ޓްރެފިކިން މިންގަނޑަށް އަރާ ކަމަށެވެ. އެހެންކަމުން އެ އެންމެންގެ މައްޗަށްވެސް މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ވަނީ ކޮށްފައެވެ.
ކޯޓުން ވަނީ މި ހަތަރު މީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހައިދީފައެވެ. މިއީ ޖުމައިހު ފިޔަވައި އަނެއް ތިން މީހުން ކުށުގެ ރެކޯޑު އޮންނަ ފަރާތްތަކެކެވެ.




