ގަމުން ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ފަށަނީ: ހައްޖު ކޯޕަރޭޝަން

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ޢުމްރާއަށް ޚާއްޞަކޮށްގެން އައްޑޫ ސިޓީ ގަމުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނިންމާފިއެވެ.

މި ޚާއްޞަ ދަތުރުތަކަކީ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް މާލެ ދަތުރުކުރަން ނުޖެހި، ފަސޭހަކަމާއެކު ޢުމްރާގެ އަޅުކަމަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ޤައުމީ އެއަރލައިނުން ވައިޑް-ބޮޑީ އޮޕަރޭޝަންތައް ފެށުމާ ގުޅިގެން ރޭވިފައިވާ ކަންކަމެވެ.

ރަމަޟާން މަހުގެ ފަހު ފަނަރައަށް ޚާއްޞަ ފްލައިޓުގެ ދަތުރު އަންނަ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު ގަމުން ސީދާ ޖިއްދާއަށް ފެށުމަށް ހަމަޖެހިފައިވާއިރު، ފަހު ފަނަރަ ޢުމްރާ ޕެކޭޖުގެ އަގަކީ 48,965 ރުފިޔާއެވެ. އަދި މުޅި ރަމަޟާން މަހަށް ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް 54,965 ރުފިޔާގެ އަގެއްގައި އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ދަތުރުތަކަށް ޖާގަ ކަށަވަރުކުރުމަށްޓަކައި ޙައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" ނުވަތަ ރަސްމީ ވެބްސައިޓް މެދުވެރިކޮށް މިހާރު ނަން ނޯޓުކުރެވޭނެއެވެ.

ޙައްޖު ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ޢުމްރާވެރިންނަށް ލުއިފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމަށް ކަމަށްވާއިރު، މި ޕެކޭޖުތަކުގެ ތެރެއިން ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ކްލިނިކާއި ފާމަސީގެ ޚިދުމަތުގެ އިތުރުން ހިލޭ ވެކްސިން ޖެހުމާއި، މަދީނާގައި 3 ރޭ ހޭދަކުރުމާއި، ހައިސްޕީޑް ރޭލުގެ ޚިދުމަތާއި، މީރު ދިވެހި ކެއުމާއި، ލޯންޑްރީ އަދި އިސްތިރިކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. މީގެއިތުރުން، ދީނީ ޢިލްމުވެރިންގެ ދަރުސްތަކާއި، ޢުމްރާ ކިޓާއި، ބަގީގެ ޚިދުމަތުގެ އިތުރުން ލޮކޭޝަން ޓްރެކިންގ ޑިވައިސް ފަދަ ޚާއްޞަ ޚިދުމަތްތައް ވެސް މި ޕެކޭޖުތަކުގައި ހިމެނެއެވެ.

ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރެއްގެ ޖުލައި، ޑިސެމްބަރު އަދި ރަމަޟާން މަހު އައްޑޫ ސިޓީން ޖިއްދާއަށް ސީދާ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިޔުމަކީ އެ ކޯޕަރޭޝަންގެ މައިގަނޑު އަމާޒެވެ.

ރިއެކްޝަންސް

ކޮމެންޓް