މެލޭޝިއާ އެކްސިޑެންޓުގެ ޑްރައިވަރަށް 26 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވޭ

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވި މައްސަލައިގައި، އެ ދަރިވަރު އިން ކާރުގެ ޑްރައިވަރާ ދެކޮޅަށް އުފުލާފައިވާ ތިން ދައުވާއާއެކު އޭނާއަށް 26 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާ ކަމަށް ބެލެވިއްޖެއެވެ.

ކުއަލަލަމްޕޫރު ކައިރީގައި ހުންނަ ޕީޖީއެސް ޓޯލް ޕްލާޒާ ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، އެހެން ކާރެއްގައި ޖެހި ފުރޮޅާލައިގެން ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ މެލޭޝިއާގެ ޓެއިލާސް ޔުނިވަސިޓީގައި ތައުލީމު ހާސިލުކުރަމުން ދިޔަ އައްޑޫ ސިޓީ ހިތަދޫއަށް އުފަން އުމުރުން 22 އަހަރުގެ އާމިނާ އިމީލީ ނާޒިމެވެ. މި ހާދިސާގައި ކާރުގައި އިން އުމުރުން 22 އަހަރުގެ އައިޝަތު ސަރާ ނިޒާމް ވަނީ ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވެފައެވެ.

އުމުރުން 37 އަހަރުގެ ކާރު ޑްރައިވަރު މުހައްމަދު ޝަފީގް އިބްރާހިމް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިންއަށް ފައްސިވެފައިވާއިރު، އޭނާގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފައެވެ. އެއީ މަސްތުގެ ހާލަތުގައި ހުރެ ދުއްވުމުގެ ތެރޭގައި އިމީލީ ނިޔާވާން މެދުވެރިވި ހާދިސާގެ ދައުވާއާއި، ސަރާއަށް އަނިޔާވި މައްސަލައިގެ ދައުވާގެ އިތުރުން ފަރުވާކުޑަކޮށް ދުއްވައިގެން ގެއްލުން ދިނުމުގެ ދައުވާއެވެ. ނަމަވެސް، ކޯޓުގައި އޭނާ ވަނީ މި ތިން ދައުވާއަށްވެސް އިންކާރުކޮށްފައެވެ.

މި ދައުވާތައް ސާބިތުވެއްޖެނަމަ، އިމީލީ ނިޔާވި މައްސަލައިގައި 15 އަހަރުގެ ޖަލު ހުކުމަކާއެކު 50،000 އާއި 100،000 ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ދެވަނަ ދައުވާއަށް 10 އަހަރުގެ ޖަލު ހުކުމަކާއި 30،000 އާއި 50،000 ރިންގިޓާ ދެމެދުގެ ޖޫރިމަނާއެއް އަންނައިރު، ތިންވަނަ ދައުވާއަށް 12 މަސްދުވަހުގެ ޖަލު ހުކުމަކާއެކު 5،000 އާއި 10،000 ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ދައުލަތުން ކޮންމެ ދައުވާއަކަށް 10,000 ރިންގިޓުގެ ކަފާލާތެއް ކަނޑައެޅުމަށް އެދުނު ނަމަވެސް، ދިފާއީ ވަކީލު ވަނީ އޭނާއަކީ ކުޑަ އާމްދަނީއެއް ލިބޭ، އާއިލާ ބަލަހައްޓާ މީހެއްކަން ފާހަގަކޮށް ކަފާލާތުގެ އަދަދު ކުޑަކޮށްދިނުމަށް އެދިފައެވެ. އެއާއެކު، މެޖިސްޓްރޭޓް ވަނީ ޖުމްލަ 9,000 ރިންގިޓުގެ ކަފާލާތެއްގެ ދަށުން އޭނާ ބަންދުން ދޫކޮށްލުމަށާއި، މައްސަލަ ނިމެންދެން ލައިސަންސް ސަސްޕެންޑް ކުރުމަށް އަމުރުކުރައްވާފައެވެ. މި މައްސަލައިގެ ދެން އޮންނާނެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހަށެވެ.

ރިއެކްޝަންސް

ކޮމެންޓް