އިލެކްޓްރިކް އުޅަނދު މަރާމާތުކުރުމަށް ދެ މިނިސްޓްރީން ސޮއިކޮށްފި

ރާއްޖޭގައި އިލެކްޓްރިކް އުޅަނދުފަހަރާއި ޗާޖުކުރާ ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު މިއަދު މާލޭގައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ދެ މިނިސްޓްރީގެ އިސްވެރިންގެ ހާޒިރުގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ފަހުމުނާމާގައި ސޮއިކުރެއްވީ ދެ މިނިސްޓްރީގެ ކަމާބެހޭ ވެރިންނެވެ.

މި ފަހުމުނާމާގެ ދަށުން، ރާއްޖޭގެ ކަމާބެހޭ ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް އިލެކްޓްރިކް އުޅަނދުފަހަރާއި ޗާޖިންގ ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ހާއްސަ ތަމްރީނުތަކެއް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ، ޖީ.އީ.އެފް ގެ އެހީގައި ކުރިއަށްގެންދާ "އިންޓަގްރޭޓެޑް، ސަސްޓެއިނަބަލް އެންޑް ލޯ އިމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއުގެ ދަށުން ފޯރުކޮށްދީފައިވާ އިލެކްޓްރިކް ބަސްތަކާއި އެހެނިހެން އުޅަނދުތައް ދިގުމުއްދަތަކަށް ބެލެހެއްޓުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުމެވެ. މިއީ ރާއްޖޭގައި ތިމާވެށި ރައްކާތެރިކުރުމަށާއި، ދަތުރުފަތުރުގެ ދާއިރާއިން ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.

ކުރިމަގުގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމުތައް ކުރިއެރުވުމަށް ބޭނުންވާ ޤައުމީ ގާބިލުކަން މި މަސައްކަތުގެ ތެރެއިން ވަރުގަދަވެގެންދާނެ ކަމަށް ދެ މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ. މި ފަހުމުނާމާގެ ސަބަބުން، ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

ރިއެކްޝަންސް

ކޮމެންޓް