ނަޞްރުގެ ދުވަހަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވެގެންދާ ދުވަހެއް ކަމަށް ކުރީގެ ރައީސް، އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހަކީ ދިވެހި ރައްޔިތުންގެ ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އުތުރިއަރާ، އަދި ދިވެހިންގެ ހިތްވަރާއި ފަންވަރު އެންމެ ފުރިހަމައަށް ވިދާ ބަބުޅާ ދުވަހެއް ކަމަށެވެ. އަދި މިއީ މީގެ 38 އަހަރު ކުރިން ދިވެހި ރައްޔިތުން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައިވާ ޙަޤީޤަތެއް ކަމަށް ފާހަގަކުރައްވަމުން، ފުރިހަމަ މިނިވަން މުސްލިމް ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަބަދަށްޓަކައި ލެހެއްޓެވުން އެދި އެމަނިކުފާނު ވަނީ ދުއާކުރައްވާފައެވެ.
ދިވެހިރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަނީ 3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ދެކޮޅަށް، ދިވެހި ސިފައިން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދާއި ހޯއްދަވައިދެއްވި ނަޞްރު ފާހަގަކުރުމުގެ ގޮތުންނެވެ.
މި އުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހުން ހިމެނޭހެން 19 ދިވެހިން ވަނީ ޝަހީދުވެފައެވެ. މި ޢުދުވާނުން ރާއްޖެ ދިފާޢުކުރެއްވުމަށްޓަކައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމާއި ސިފައިންގެ އިސްވެރިން ވަނީ ބޭރުގެ ޤައުމުތަކުގެ އެހީތެރިކަން ހޯއްދެވުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.




