ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެއްޖެ

ށ. ފުނަދޫ ބަނދަރުގައި ހުންނަ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެއްޖެއެވެ.

މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 08:00 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ އެރަށަށް ދިއުމަށް ދަތުރު ކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި އެރަށުގެ އެއާޕޯޓުގެ ފަޔަރ ފައިޓަރުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާއާ ގުޅިގެން މަޢުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢާދިލް ވިދާޅުވީ، އަލިފާންގަނޑު ކޮންޓްރޯލް ނުވެ އަދިވެސް ބޮޑުވަމުންދާ ކަމަށެވެ. އަދި އަލިފާން ނިއްވުމަށް ކައުންސިލާއި ފުލުހުންގެ އިތުރުން އާއްމުންވެސް ހަރަކާތްތެރިވަމުންދާ ކަމަށް ޢާދިލް ވިދާޅުވިއެވެ.

އަލިފާން ރޯވުމުގެ ސަބަބުން ރަށު ތެރެއަށް ދުންގަނޑު ވަނީ ފެތުރިފައެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި މީހަކަށް އަނިޔާވިކަން މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ލިބުނު ގެއްލުމުގެ ތަފްޞީލެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޝަންސް

ކޮމެންޓް