ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ހެލްތު އިންޝުއަރެންސް ޕެކޭޖު ހުރިހާ ދިވެހީންނަށް ދިނުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މި ޕެކޭޖަކީ އާސިއާން، ޔޫރަޕް އަދި މެދުއިރުމަތީގެ ގާތްގަނޑަކަށް 19 ޤައުމަކުން ފަރުވާގެ ޚިދުމަތް ލިބޭ ގޮތަށް އެކުލަވާލެވިފައިވާ ޕެކޭޖެކެވެ.
ޕެޓިޝަން ހުށަހެޅީ ސޯޝަލް މީޑިއާ އެކްޓިވިސްޓު މިދުޢަމް ސަޢުދެވެ. ޕެޓިޝަންގައި ބުނެފައިވަނީ، ދައުލަތާއި އާންމުންނަށް ފައިދާ ބޮޑު ގޮތެއް އޮއްވައި، ދައުލަތަށް ބޮޑު މާލީ ބުރައެއް އުފުލަން ޖެހޭ ގޮތަށް އާސަންދަ ނިޒާމު ކުރިއަށް ގެންދިއުމަކީ ސަބަބުވެރި ގޮތެއް ނޫން ކަމަށެވެ. އަދި ދައުލަތުގެ ޚަރަދު ކުޑަކޮށް ފައިދާ ބޮޑުވާނެ ގޮތަށް ހެލްތު އިންޝުއަރެންސް ސްކީމެއް ހިންގުމަކީ ސަރުކާރުގެ ޤާނޫނީ ޒިންމާއެއް ކަމަށް ވެސް ޕެޓިޝަންގައި ވެއެވެ.
އެހެންކަމުން، މެންބަރުންނަށް ލިބޭ "ދައުލަތާއި އާންމުންނަށް ފައިދާ ބޮޑު" އިންޝުއަރެންސް ޕެކޭޖު ހުރިހާ ދިވެހީންނަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ޕެޓިޝަންގައި ވަނީ އެދިފައެވެ.
މިދިޔަ ހޯމަ ދުވަހު ހުށަހެޅި މި ޕެޓިޝަނަށް މިހާތަނަށް 22 ސޮއި ލިބިފައިވެއެވެ.
ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިދިޔަ ހޯމަ ދުވަހު ވިދާޅުވީ، މަޖިލިސް މެންބަރުންގެ އިންޝުއަރެންސް ޕެކޭޖަށް ދައުލަތުން ކޮންމެ މެންބަރަކަށް އަހަރަކު ދައްކަނީ 24،000 ރުފިޔާ ކަމަށެވެ. އެ ޕެކޭޖުގެ ދަށުން މެންބަރަކަށް އަހަރަކު 1.35 މިލިއަން ރުފިޔާއާ ހަމައަށް ފަރުވާ ހޯދުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެއީ އިންޝުއަރެންސް ކުންފުނިން ހަމަޖައްސައިދޭ ފައިސާ ކަމަށާއި ދައުލަތުން ކުރާ ޚަރަދެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަލާޙް އިތުރަށް ވިދާޅުވީ، އާސަންދައިގެ ދަށުން އާންމުންގެ ފަރުވާއަށް ހިނގާ ހުރިހާ ޚަރަދެއް ހަމަޖައްސައިދެނީ ސީދާ ދައުލަތުގެ ބަޖެޓުން ކަމުން، އެއިން ދައުލަތަށް ގެއްލުންވާ ކަމަށެވެ. އަދި މެންބަރުންގެ ޕެކޭޖުގެ ދަށުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ހުރުމާއި ކެއުމުގެ ޚަރަދު ނުލިބޭ ކަމަށާއި، އެ ޚަރަދުތައް ހަމަޖައްސަން ޖެހެނީ މެންބަރުންގެ އަމިއްލަ ޖީބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭ ގޮތް ހަމަޖެއްސުމާ ގުޅިގެން، މަޖިލީހުގެ ތަޅުމަށް ފުރަތަމަ އައި އެއް ޕެޓިޝަނަކީ ވެސް އާންމު ރައްޔިތުންނަށް ނުލިބި މަޖިލިސް މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނެވެ. އެ ޕެޓިޝަން ވެސް ހުށަހެޅީ މިދުޢަމެވެ.
މި މައްސަލައިގައި ޕީއެންސީއާއި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ތާއީދުކުރެއްވި ނަމަވެސް، ޕެޓިޝަން ހުށަހެޅި މަޤްޞަދާ މެދު ގިނަ މެންބަރުން ވަނީ ސުވާލު އުފައްދަވާފައެވެ.




