ރާއްޖެއަކީ އިންވެސްޓްކުރުމަށް ގިނަ ދާއިރާތަކެއް ހުރި ޤައުމެއް: ރައީސް

ރާއްޖެއަކީ އިންވެސްޓްކުރުމަށް ގިނަ ދާއިރާތަކެއް ހުރި ޤައުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިސްލާމާބާދުގައި މިއަދު ފެށި ރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ފަތުރުވެރިކަމާއި، ސިނާއީ ދާއިރާއާއި، އިމާރާތްކުރުމާއި، ތައުލީމީ އަދި ސިއްހީ ދާއިރާއަކީވެސް ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވިފައިވާ ދާއިރާތައް ކަމަށެވެ.

"ރާއްޖޭގެ ބާޒާރުގެ ނިސްބަތަކީ ކުޑަ މިންވަރެއް ކަމަށް ހީކޮށްގެން ނުވާނެ. އަޅުގަނޑުމެންނަކީ ހަމައެކަނި ފަސް ލައްކައެއްހާ ރައްޔިތުން ދިރިއުޅޭ ޤައުމެއް ނޫން. ކޮންމެ އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރޭ،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް ބަލާއިރު، ކާނާގެ ރައްކާތެރިކަމަކީ ހަމައެކަނި ވިޔަފާރީގެ ނަޒަރަކުން ބަލާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ޖަޒީރާ ޤައުމަކަށްވީތީ، މެދުކެނޑުމެއްނެތް ސަޕްލައި ޗޭނެއް އޮތުމަކީ ޤައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ޕާކިސްތާނުން މިހާރުވެސް ރާއްޖެއަށް ދަނޑުވެރިކަމުގެ އުފެއްދުންތައް އެތެރެކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒަމާނީ ފުޑް ޕްރޮސެސިންގއާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނޭ ފަދަ ދަނޑުވެރިކަމުގެ އާ ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކޮށް، ގުޅިގެން މަސައްކަތްކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސް ގޮވާލެއްވިއެވެ.

ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް ދެ ޤައުމުގެ ކަނެކްޓިވިޓީ އިތުރުކުރަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ފޯރަމްގައި ސަރުކާރުގެ ފަރާތުން ވަނީ ރަސްމާލޭގައި އިންވެސްޓްކުރުމުގެ ފުރުސަތު ޕާކިސްތާނުގެ އިންވެސްޓަރުންނަށް ހުޅުވާލާފައެވެ. ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ އޮފިޝަލް އާއިޝަތު ސަމާހާ ހުށަހެޅި ޕްރެޒެންޓޭޝަނެއްގައި ވިދާޅުވީ، ރަސްމާލޭ މަޝްރޫޢުގެ ސަބަބުން އެތައް ވިޔަފާރިއަކަށް ފުރުސަތު ހުޅުވޭނެ ކަމަށެވެ.

ރަސްމާލޭ މަޝްރޫޢާ ގުޅިފައިވާ އެހެނިހެން ކަންކަމާއެކު ޖުމްލަ އިންވެސްޓްމަންޓް 30 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. މި މަޝްރޫޢުގެ ތެރެއިން 14،000 ވަރަކަށް ދާއިމީ ވަޒީފާ އުފެދި، ތަރައްޤީގެ މަރުޙަލާގައި 54،000 ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ޕާކިސްތާނުގެ ބޮޑެތި ކުންފުނިތަކާއި ވިޔަފާރިތައް ހިމެނޭ ގޮތަށް 300 އަށްވުރެ ގިނަ ފަރާތްތަކެއް މި ފޯރަމްގައި ބައިވެރިވިއެވެ.

ރިއެކްޝަންސް

ކޮމެންޓް