މަނީ ޗޭންޖިންގ ގަވާއިދާ ޚިލާފުވެގެން އެމްއެސް ފައިނޭންސް 5 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފި

މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން "އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" 500,000 (ފަސް ލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އެ ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖިންގ ލައިސަންސް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހިފަހައްޓައިފިއެވެ.

ބޭރު ފައިސާއާބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކާއެކު، އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ޑޮލަރު އަދި ބޭރު ފައިސާ ގަނެވިއްކުމާއި، އެފަދަ ރޭޓުތައް އިޝްތިހާރު ކުރުމަކީ ކުށެކެވެ.

  • ކަނޑައެޅިފައިވާ ރޭޓާ ޚިލާފަށް ބޭރު ފައިސާ ވިއްކުން: އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން މަސައްކަތްކޮށްފިނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25،000 ރުފިޔާއާއި 1 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

  • އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުން: އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ބޭރު ފައިސާ ގަނެވިއްކުމަށް ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ އެނޫންވެސް ގޮތަކުން އާންމުކޮށް އިސްތިހާރުކޮށް ފަތުރައިފިނަމަ، 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

  • ޤާނޫނީ ޝަޚުޞުތަކަށް ދެވޭ އަދަބު: މިއިން ކަމެއްގައި ޤާނޫނީ ޝަޚުޞެއް (ކުންފުންޏެއް ނުވަތަ ވިޔަފާރިއެއް) ޝާމިލުވާނަމަ، އެފަރާތެއް 100،000 ރުފިޔާއާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އެމްއެމްއޭއިން ވަނީ ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމުގައި ހުރިހާ ފަރާތްތަކުންވެސް ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފައެވެ. އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅަމުންދާނެ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް