ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 1,200 އަށްވުރެ ގިނަ މަޝްރޫއަށް ފައިސާ ހަމަޖެހި ކުރިއަށްދޭ: މިނިސްޓަރު

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 1,200 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ހިނގަމުންދާކަމަށާއި، އެ މަޝްރޫޢުތަކަށް ފައިސާ ވަގުތުން އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ "އަހާ" ފޯރަމްގައި ނ. ވެލިދޫގައި ފަށާފައިވާ މަޝްރޫޢުތައް ހުއްޓިފައިވާ ސަބަބާ މެދު އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މަސައްކަތަށް ބޭނުންވާ ތަކެތި ލިބުމުގައި ހުރި ދަތިތައް ކަމަށެވެ. ނަމަވެސް، އެ ދަތިތަކާއެކުވެސް އިސްކަންދީފައިވާ މަޝްރޫޢުތައް ނިންމުމަށް ފައިސާ ހަމަޖައްސައިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރުވެސް 1,273 މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވަރަކީ 2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނަންވާއިރަށް ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ، ކުނިކޮށި، ފިޓްނެސް ސެންޓަރު، އައުޓްޑޯ ޖިމް، ކުޑަކުދިންގެ ޕާކު، އޭޓީއެމް، ފުލުހުންގެ މަރުކަޒުތައް އަދި ލެބޯޓަރީތައް ހިމެނޭހެން ސިއްހީ އަދި ތައުލީމީ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމެވެ.

މީގެއިތުރުން ދީނީ، ކުޅިވަރު އަދި ދަތުރުފަތުރުގެ ދާއިރާގެ މަޝްރޫޢުތައް ނިންމައި، 2040 އާ ހަމައަށް ދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތުގެ ބޮޑު ކާމިޔާބީއެއް ހާސިލްކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަންސް

ކޮމެންޓް