ގެދޮރު އިމާރާތްކުރުމަށާއި ގަތުމަށް ބޭންކުތަކުން ނަގާ ލޯނުތަކަށް ބޭނުންވާ އިކުއިޓީ ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން "ނޭޝަނަލް ހޯމް އޯނަޝިޕް ޕްރޮގްރާމް" ގެ ދަށުން އިތުރު ދެ ބައެއް ތައާރަފުކޮށް، މާލީ ހަތަރު އިދާރާއަކާއެކު ހައުސިން މިނިސްޓްރީން އެމްއޯޔޫތަކުގައި ސޮއިކޮށްފިއެވެ.
މިއަދު ލޯންޗްކުރި "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ޕްރޮގްރާމް ކުރިއަށްދާނީ ބީއެމްއެލް، އެމްއައިބީ، އެޗްޑީއެފްސީ އަދި އެމްއެފްއެލްސީއާ ގުޅިގެންނެވެ.
1. "ހެލްޕް ޓު ބިލްޑް" ޕްރޮގްރާމް: މި ބައި އަމާޒުކޮށްފައިވަނީ މާލެ އަދި އަތޮޅުތަކުގެ ރަށްރަށުގައި ގޯތި އޮވެ، އިމާރާތް ނުކުރެވިފައިވާ ބިންވެރިންނަށެވެ (މީގެ ތެރޭގައި ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ނުހިމެނެއެވެ).
-
1 މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީއަށް 200،000ރ. އާ ހަމައަށް ސަރުކާރުން ހިލޭ އެހީ ދޭނެއެވެ.
-
މާލޭގެ އާއިލީ ބިންތަކުގައި ގިނަ މިލްކުވެރިން އެކުވެގެން އިމާރާތްކުރާނަމަ، ބޮލަކަށް 200،000ރ. ގެ މަގުން 1 މިލިއަން ރުފިޔާއާ ހަމައަށް އިކުއިޓީ ހަމަޖައްސައިދޭނެއެވެ.
-
މިއީ އަނބުރާ ދައްކަން ނުޖެހޭ އެހީއެކެވެ. ނަމަވެސް 20 އަހަރު ތެރޭގައި އިމާރާތް ވިއްކާލައިފިނަމަ އެ ފައިސާ ދައުލަތަށް ދައްކަންޖެހޭނެއެވެ.
2. "ހެލްޕް ޓު ބައި" ޕްރޮގްރާމް:
-
ޕީޕީޕީ އުސޫލުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އެފޯޑަބްލް ހައުސިން ޔުނިޓެއް ގަތުމަށް ނުވަތަ މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް 250،000ރ. އާ ހަމައަށް ހިލޭ އެހީ ދޭނެއެވެ.
-
އެހީގެ ފައިސާ މާލީ އިދާރާތައް މެދުވެރިކޮށް ސީދާ ދައްކާނީ ޑިވެލޮޕަރަށެވެ. އަދި ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ އަދަދު އުނިކުރެވޭނެއެވެ.
މި ޕްރޮގްރާމްގެ ދަށުން އެހީ ލިބޭނީ އެދޭ ފަރާތުގެ ނަންމަތީގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް ފަރާތްތަކަށެވެ. އަދި ދިރިއުޅޭނެ ގޭގެ އިތުރުން އެ އިމާރާތުގެ ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ އޮންނާނެއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، މިއީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، އަމިއްލަ ބިމުގައި އިމާރާތްކުރުމަށާއި އަމިއްލަ ބޯހިޔާވަހިކަން ގަތުމަށް ރައްޔިތުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.




