ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، ބޭރުގެ އެއްވެސް ބާރަކަށް ނުދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރުން ދެއްވައިފިއެވެ.
ސަރުކާރުން މި ޔަޤީންކަން ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ހާއްސަ ބަޔާނެއްގައެވެ. އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހި ދައުލަތުގެ ސިޔާދަތަކީ އޭގެމައްޗަށް ރާއްޖޭގެ މިނިވަންކަން ބަރޯސާވާ އަދި ބަދަލުނުކުރެވޭނެ، ދިވެހިދައުލަތާއި ދިވެހިރައްޔިތުންގެ ޙައްޤެއް ކަމަށެވެ. އަދި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ޤާނޫނުއަސާސީން ދިވެހިދައުލަތާ ޙަވާލުކޮށްފައިވާ ކަމެއް ކަމަށާއި، އެ ހުދޫދުގެ ތެރެއިން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަކީ ދިވެހިން ވަރަށް ފަޚުރުވެރިކަމާއެކު ކޮށްފައިވާ އަދި ކުރަމުންގެންދާ ކަމެއްކަން ތާރީޚުން ހެކިދޭ ކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔޭގެ ޖޯގުރަފީއަށް އިޝާރާތް ކުރައްވައި ސަރުކާރުން ވިދާޅުވީ، ރާއްޖެއަކީ އިސްތިރާޖީގޮތުން ވަރަށް މުހިންމު ސަރަހައްދެއްގައި އޮތް ޤައުމެއް ކަމަށެވެ. ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހުރި ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ބޮޑު އިންސައްތައެއް ދަތުރުކުރުމަށް ބޭނުންކުރާ މުހިންމު މަގުތަކެއް ކަމަށްވުމުން، މި ސަރަޙައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ދުނިޔޭގެ އަދި ސަރަޙައްދުގެ ހަމަޖެހުމަށް ރާއްޖެއިން ޒަމާނުއްސުރެ ކޮށްދޭ އަގުހުރި ޚިދުމަތެކެވެ.
އެހެންކަމުން ރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކާ ޙަވާލުނުކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް ދިވެހި ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އަސާސީ ސިޔާސަތެވެ. ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ޤައުމުގެ މިނިވަންކަމަށާއި ސަރަޙައްދީ ސަލާމަތަށް އަސަރުކުރާނޭ ކަމެއް ކަމަށްވާތީ، އެފަދަ އެއްވެސް ބާރެއް ބޭރުގެ ފަރާތަކަށް ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ. އަދި ސަރުކާރުގެ މި ސިޔާސަތުތަކާ ދެކޮޅަށް ބޭރުގެ ނުފޫޒަކަށް، ސީދާ ނުވަތަ ނުސީދާ ގޮތުން ވިޔަސް، އެއްވެސް ފަރާތަކުން ދަޢުވަތު ނުދިނުމަށްވެސް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.




