މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު ކޭސްއެއް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހިގެން ރިޕޯޓުކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 287 އަށް އަރާފައެވެ. ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވަނިކޮށް، މިއަހަރުގެ މެއި މަހު ބަލި ފެތުރެން ފެށި ނަމަވެސް، ފަހުން ފެންނަ ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި، ހިމަބިހިން ރައްކާތެރިވުމަށް ދެވޭ ވެކްސިން މިއަހަރުގެ މިހާތަނަށް 16,503 މީހުން ވަނީ ޖަހާފައެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުވާ މީހުން ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ސިއްހީ މާހިރުން ވަނީ ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އިރުޝާދު ދެއްވާފައެވެ.




