މާލޭގެ މައި މާރުކޭޓުތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް ތަރައްޤީކުރާ "މާލެ މާރުކޭޓް ކޮމްޕްލެކްސް" އެޅުމަށް ހަމަޖެހިފައިވާ ބިން، މާދަމާގެ ނިޔަލަށް އެއްކޮށް ހުސްކުރުމަށް މާލެ ސިޓީ ކައުންސިލަށް ފަހު މުހުލަތެއް ދީފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ވުޒާރާއިން ބުނީ، މި މަޝްރޫޢު މި އަހަރުގެ މާރިޗު މަހު ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ނަމަވެސް، 5 މަސް ދުވަސް ވީއިރުވެސް އަމަލީ މަސައްކަތް ފެށިފައި ނުވަނީ ސިޓީ ކައުންސިލުން އެ ބިން ހުސްކޮށް ސަރުކާރާ ހަވާލުނުކުރާތީ ކަމަށެވެ. މި އިމާރާތް އަޅަން ހަމަޖެހިފައިވަނީ މިހާރު ލޯކަލް މާރުކޭޓު ހުރި ބިމުގައެވެ.
ބިން ނުލިބި މަސައްކަތް ލަސްވަމުންދާތީ، ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ނުފެށި ކޮންޓްރެކްޓަރުގެ ފަރާތުން ކަންބޮޑުވުންތަކާއި ޝަކުވާތައް ލިބެމުންދާ ކަމަށްވެސް ވުޒާރާއިން ފާހަގަކުރިއެވެ.
މި މައްސަލައަށް ޙައްލެއްގެ ގޮތުން، މާލޭ ތައިސޭ ކޮށީގެ ބިއްދޮށުގައި ވަގުތީ ލޯކަލް މާރުކޭޓެއް ޤާއިމުކޮށް، ވިޔަފާރިވެރިންނަށް ގޮޅިތައް ދޫކުރަން ވަނީ ފަށާފައެވެ. މިހާރުގެ ލޯކަލް މާރުކޭޓުގައި 124 ގޮޅި ހިމެނޭއިރު، ވަގުތީ ސަރަޙައްދުގައި ހަމަޖެއްސިފައިވަނީ 96 ގޮޅިއެވެ. ބާކީ ތިބި 28 ފަރާތަށް ގޮޅި ހަމަޖެއްސުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.
ބާޒާރުމަތީގައި ތަރައްޤީކުރާ މި މާރުކޭޓް ކޮމްޕްލެކްސަކީ 126.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. 6 ފަންގިފިލާއަށް ހަދާ މި އިމާރާތުގެ ބިމުގެ ބޮޑުމިނަކީ 15،525 އަކަފޫޓެވެ. ހުރިހާ ފަންގިފިލާއެއް އެއްކޮށް 95،000 އަކަފޫޓަށްވުރެ ބޮޑު ޖާގައެއް ލިބިގެންދާނެއެވެ.
އިމާރާތް ނިމުމުން މަސްމާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓު ބަދަލުކުރާނީ މި ކޮމްޕްލެކްސަށެވެ. މުޅި އިމާރާތުގައި ޖުމްލަ 455 ގޮޅި ޤާއިމުކުރާނެއިރު، ބޭސްމަންޓުގައި 400 ސައިކަލް ޕާކުކުރެވޭނެ ޖާގަ ހުންނާނެއެވެ. އަދި އެންމެ މަތީ ފަންގިފިލާ ޚާއްޞަކުރާނީ ކެފޭ އަދި ރެސްޓޯރަންޓް ހިމެނޭ ފުޑް ކޯޓަކަށެވެ.
ސަރުކާރުގެ އަމާޒަކީ އެއް އަހަރާއި 8 މަސް ދުވަހުގެ ތެރޭގައި މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމުމެވެ. މިއީ ބާޒާރުމަތީ ސަރަޙައްދު ތަރުތީބުކޮށް، ވިޔަފާރިވެރިންނަށާއި ޢާންމުންނަށް ޒަމާނީ ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.




