ފެނަކައިގެ އެމްޑީ އަފީފް މަގާމުން ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުޙައްމަދު އަފީފު ޙުސައިން އެ މަގާމުން ވަކިކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށެވެ. ނަމަވެސް، އޭނާ މި މަގާމުން ވަކިކުރެއްވި ސަބަބާ ގުޅޭގޮތުން ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަފީފް، ފެނަކައިގެ އެމްޑީ ކަމަށް އައްޔަނުކުރައްވާފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުއެވެ. އޭނާއަކީ އުމްރާނީ ތަރައްގީއާއި، އަސާސީ ޚިދުމަތްތަކުގެ އިތުރުން ސަރުކާރުގެ އިދާރީ ހިންގުމުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

ފެނަކައިގެ އެމްޑީ ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، އަފީފް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ޗެއާމަންކަން ކުރައްވާފައެވެ. އަދި މީގެ އިތުރުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަމުގެ މަޤާމުވެސް އޭނާ ފުރުއްވާފައިވެއެވެ.

މުޙައްމަދު އަފީފް މަގާމުން ވަކިކުރައްވާފައި މިވަނީ، ފެނަކަ ކޯޕަރޭޝަންގެ އޮޕަރޭޝަންތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް، ފެނަކަ ކުންފުނި އުވާލުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ރިއެކްޝަންސް

ކޮމެންޓް