ގއ. ދެއްވަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ޕޯސްޓްތައް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައި، ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން އެކްސްގައި ބުނީ، ދެއްވަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މިހާރު ސަމާލުކަން ދީގެން ކުރިއަށްގެންދަނީ ދަނޑުގެ އަލިކުރުމުގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި ލައިޓް ޕޯސްޓްތައް އިންސްޓޯލްކުރުމުގެ މަރުޙަލާ ކަމަށެވެ.
ދައުލަތުގެ ބަޖެޓުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ.
މީގެ ދަށުން ޒަމާނީ ފެންވަރަށް ދަނޑުގެ ބިންގަނޑު ކޮނުމާއި، އެއްވަރުކުރުމުގެ އިތުރުން ޓާފް އެޅުމަށް ބޭނުންވާ ސަބްބޭސް ތައްޔާރުކުރުމުގެ މުހިންމު މަސައްކަތްތައްވެސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އިޖުތިމާޢީ ފޭރާމާއި ޒުވާނުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާއިރު، މީގެކުރިން މެދުކެނޑިފައިވާ ކުޅިވަރުގެ ގިނަ މަޝްރޫޢުތަކެއް މިހާރު ވަނީ އަލުން ފަށާފައެވެ.




