މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ މިއަހަރުގެ 3 ވަނަ ކުއާޓަރުގެ މާލީ ރިޕޯޓު އާންމުކޮށްފައިވާއިރު، އެ ބޭންކުގެ ސާފު ފައިދާ 133 މިލިއަން ރުފިޔާއަށް އަރައި ރަނގަޅު މާލީ ނަތީޖާއެއް ހާސިލުކޮށްފިއެވެ.
މިއީ 2026 ވަނަ އަހަރުގެ 2 ވަނަ ކުއާޓަރާ އަޅާބަލާއިރު 19.37 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި 2025 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރާ އަޅާބަލާއިރު މިއީ 43.96 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. 3 ވަނަ ކުއާޓަރުގެ ނިޔަލަށް އެމްއައިބީގެ ޖުމްލަ އެސެޓް ވަނީ 20.30 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 35.80 އިންސައްތައިގެ އިތުރުވުމެކެވެ.
މާލީ ނަތީޖާގެ މައިގަނޑު ތަފާސްހިސާބުތައް:
-
ޖުމްލަ އާމްދަނީ: 296.89 މިލިއަން ރުފިޔާ (ކުރީ އަހަރުގެ 3 ވަނަ ކުއާޓަރަށްވުރެ %29.64 އިތުރު)
-
ކަސްޓަމަރުންގެ ޑިޕޮޒިޓްސް: 17.16 ބިލިއަން ރުފިޔާ (ކުރީ އަހަރުގެ މި މުއްދަތަށްވުރެ %41.62 އިތުރު)
-
ފައިނޭންސިންގ: 9.48 ބިލިއަން ރުފިޔާ (ކުރީ އަހަރުގެ މި މުއްދަތަށްވުރެ %34.07 އިތުރު)
ޑިޖިޓަލް ބޭންކިންގ ޚިދުމަތްތަކަށް ބަލާއިރު، މި ކުއާޓަރުގައި އިންޓަނެޓް އަދި މޮބައިލް ބޭންކިންގ ބޭނުންކުރި އަދަދު 33.67 މިލިއަނަށް އަރާފައިވާއިރު، 570,000 އަށްވުރެ ގިނަ އޭޓީއެމް މުއާމަލާތާއި 4.01 މިލިއަން ކާޑު މުއާމަލާތް ވަނީ ރެކޯޑުކުރެވިފައެވެ.
ރާއްޖޭގެ ފުރަތަމަ ފުލް-ފްލެޖްޑް އިސްލާމިކް ބޭންކުގެ ގޮތުގައި އެމްއައިބީއިން އަބަދުވެސް މަސައްކަތް ކުރަނީ ޑިޖިޓަލް ބޭންކިންގ އީޖާދުތަކާއެކު މާލީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.




