ރަޝިޔާގެ އެސް-ސެވަން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި؛ މޮސްކޯ ނޫން ސަރަހައްދަކުން ދަތުރުތައް ފެށި ފުރަތަމަ އެއާލައިން

ރަޝިޔާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން ކަމަށްވާ އެސް-ސެވަން އެއާލައިންގެ ދަތުރުތައް ދިވެހިރާއްޖެއަށް ރަސްމީކޮށް ފަށައިފިއެވެ. މިއީ މޮސްކޯ ފިޔަވައި ރަޝިޔާގެ އެހެން ސަރަހައްދަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށި ފުރަތަމަ އެއާލައިނެވެ.

އެސް-ސެވަން އެއާލައިންގެ ފުރަތަމަ ފްލައިޓް ރަޝިޔާގެ ނޯވޯސިބިއެސްކްއިން ފުރައިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) ބަނދަރުކޮށްފައިވަނީ ހުކުރު ދުވަހުއެވެ. ސުމާރު 10 ގަޑިއިރުގެ މި ދަތުރާއެކު ރާއްޖެއަށް އައި ފަސިންޖަރުންނަށް ވީއައިއޭއިން ވަނީ ހޫނު މަރުޚަބާއެއް ކިޔާފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދޭ ގޮތުގައި، ފިނި މޫސުމާ ދިމާކޮށް ފެށި މި ދަތުރުތައް ހަފުތާއަކު ދެ ދުވަހު (ހޯމަ އަދި ހުކުރު ދުވަހު) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓުތަކެވެ.

މި ދަތުރުތައް ފެށިގެން ގޮސްފައިވަނީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ރަޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހުގައެވެ. މިނިސްޓަރު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިއަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް އާ ދަތުރުތައް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

ރަޝިޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އަހަރުގެ މިހާތަނަށް އެ ގައުމުން 229,200 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް އައި މުޅި ފަތުރުވެރިންގެ 15 އިންސައްތައެވެ.

ރިއެކްޝަންސް

ކޮމެންޓް