ތިލަފުށީގައި ގުދަން ހިންގާ ވިޔަފާރިތަކަށް ސީދާ ކޮންޓެއިނަރު ދޫކުރަން ފަށަނީ

ތިލަފުށީގައި ގުދަންތައް ހިންގާ ވިޔަފާރިތަކަށް އެ ރަށުގެ ބަނދަރުން ސީދާ ކޮންޓެއިނަރު ދޫކުރުމުގެ އިންތިޒާމު އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅު ފެށޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާ ކަމަށްވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވީ، ތިލަފުށީގައި ވެއަރހައުސް ހަދައިގެން ވިޔަފާރިކުރާ ފަރާތްތަކަށް އެ ރަށުން ކޮންޓެއިނަރު ކަނޑައި، މުދާ ކްލިއަރކޮށްދިނުމުގެ ޚިދުމަތް އެންމެ ލަސްވެގެން ނޮވެމްބަރު މަސް ނިމޭ ހިސާބުން ފެށޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

ސީއީއޯ ވިދާޅުވި ގޮތުގައި، އޭގެ ފަހުން މާ ލަސްތަކެއް ނުވެ ތިލަފުށިން ކޮންޓެއިނަރު ކަނޑައިގެން އެލްސީއެލް ކާގޯ ދޫކުރުމުގެ ޚިދުމަތްވެސް ތައާރަފުކުރާނެއެވެ.

ތިލަފުށީ ޕޯޓުގެ ޚިދުމަތްތައް ފަށާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. މިހާރު އެ ބަނދަރުން މައިގަނޑު ގޮތެއްގައި ދެމުން އަންނަނީ މުދަލާއެކު ކޮންޓެއިނަރު ދޯނިފަހަރަށް ބަރުކޮށްދިނުމާއި، ހުސް ކޮންޓެއިނަރުތައް ބޭލުމުގެ ޚިދުމަތެވެ.

1986 ވަނަ އަހަރު ބޭނުންކުރަން ފެށި މާލޭ ވިޔަފާރި ބަނދަރުން 2015 އިން ފެށިގެން ޚިދުމަތް ދެމުން އަންނަނީ އޭގެ އަސްލު ކެޕޭސިޓީއަށްވުރެ ތިން ގުނަ އިތުރަށެވެ. މި ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ނިންމާފައެވެ.

އައު ބަނދަރުގެ ސަބަބުން ޕޯޓުގެ ޚިދުމަތް ދިނުމުގެ ޤާބިލުކަން ހަތަރު ގުނައަށް އިތުރުވާނެ ކަމަށާއި، މުދާ އެތެރެކުރުމުގެ ޚަރަދުތައް ކުޑަވެ، ބާޒާރުގައި ތަކެތީގެ އަގު ހެޔޮވުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ތިލަފުށީ އައު ޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމާލުމެވެ.

ރިއެކްޝަންސް

ކޮމެންޓް