އެކުއަކަލްޗަރ ތަރައްޤީކުރުމަށް ވަޒީރު ޝިޔާމް ޗައިނާގެ ކުންފުންޏަކާ މަޝްވަރާކުރައްވައިފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ދިވެހިރާއްޖޭގައި އެކުއަކަލްޗަރ ދިރުންތައް އާލާކުރުމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭގޮތުން ޗައިނާގެ ލިންގްޝުއީ ޗެންހައި ސީޑް އިންޑަސްޓްރީ ކޯ ލިމިޓެޑާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދެވީ "7 ވަނަ ސިމްޕޯޒިއަމް އޮން ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަރނަންސް" ގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ހައިނާންއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ކުންފުންޏަށް ކުރެއްވި ޒިޔާރަތުގައެވެ.

މި ޒިޔާރަތުގައި ވަޒީރުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ވަފުދުން ވަނީ އެ ކުންފުނިން ކަނޑުގެ ދިރުންތަކުގެ އޮށް އާލާކުރުމަށް ކުރާ ދިރާސާތަކާއި، އުފެއްދުންތެރިކަމުގެ ނިޒާމުތަކުގެ އިތުރުން އެ ދާއިރާގެ އައު އީޖާދުތައް ބައްލަވާލައްވައި މަޢުލޫމާތު ހޯއްދަވާފައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ލިންގްޝުއީ ޗެންހައި ސީޑް އިންޑަސްޓްރީ ކުންފުންޏަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުކާނާގެ ބާވަތްތައް އުފެއްދުމަށް ބޭނުންވާ ފެނުގައި ދިރޭ ތަކެތީގެ އޮށް (ސީޑް) އާލާކުރުމާއި، އެކުއަކަލްޗަރ ޓެކްނޮލޮޖީތައް ކުރިއެރުވުމުގައި ފާހަގަކޮށްލެވޭ މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުގެ ދެމެދުގައި ފަންނީ އެއްބާރުލުން ދިނުމާއި، މަޢުލޫމާތު ބަދަލުކުރުމުގެ އިތުރުން ޤާބިލުކަން އިތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި ދަތުރުފުޅަކީ ކަނޑުކާނާ އުފެއްދުމާއި އެކުއަކަލްޗަރ ޓެކްނޮލޮޖީގައި ފާހަގަކޮށްލެވޭ އެ ކުންފުންޏާއެކު ޚިޔާލު ބަދަލުކޮށް، ރާއްޖޭގެ މި ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ލިބުނު އަގުހުރި ފުރުޞަތެކެވެ.

ރިއެކްޝަންސް

ކޮމެންޓް