ނިޔާވި ސާޖަންޓް މަހުދީގެ ހަނދާނަށް އިޓަލީ ސަރުކާރުން އެންމެ މަތީ ޝަރަފު އަރުވައިފި

ވ. އަތޮޅުގައި ކަނޑުއަޑީގެ ހޮހަޅައަކަށް ގެއްލުނު އިޓަލީގެ ފަސް މީހުން ހޯދަން ދިވެހި ސިފައިން ހިންގި އޮޕަރޭޝަންގައި ނިޔާވި ސާޖަންޓް ފަސްޓްކްލާސް މުހައްމަދު މަހުދީގެ ހިދުމަތް ފާހަގަކޮށް، އިޓަލީ ސަރުކާރުން އޭނާގެ ހަނދާނަށް ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އިއްޔެ ހަވާލުކޮށްފިއެވެ.

ރާއްޖެއާއި އިޓަލީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާއި، އެ ގައުމުގެ 80 ވަނަ ގައުމީ ދުވަސް ފާހަގަކުރަން ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ހަފުލާގައި މަހުދީގެ އާއިލާއާ އެ ލިޔުން ހަވާލުކޮށްދެއްވީ ރާއްޖެއަށާއި ސްރީލަންކާއަށް އިޓަލީން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ދިވެހި ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ބައިވެރިވަޑައިގެންނެވިއެވެ.

މީގެއިތުރުން، މަހުދީގެ އާއިލާއަށް މާލީ އެހީތެރިކަން ހޯދައިދިނުމަށް އިޓަލީ ސަރުކާރުން ވަނީ ފަންޑްރެއިޒިން ހަރަކާތެއް ފަށާފައެވެ. ސްރީލަންކާގައި ހުންނަ އިޓަލީ އެމްބަސީއާއި ރާއްޖޭގައި ހުންނަ އެ ގައުމުގެ އޮނަރަރީ ކޮންސުލް އޮފީސް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ދަށުން، މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ "މަހުދީ މެމޯރިއަލް ފަންޑު" އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު މިއަހަރުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިދިޔަ މޭ މަހު ވ. އަލިމަތާ ކައިރިން 60 މީޓަރު އަޑީގައިވާ ކޭވްއެއް ބަލަން ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީގެ 4 ޓޫރިސްޓުންނާއި ޑައިވިން އިންސްޓްރަކްޓަރެކެވެ. އެ މީހުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް މަހުދީ ނިޔާވީ ޑީކޯވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. ފަހުން ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމަކުން އެމްއެންޑީއެފް އަދި ފުލުހުންގެ އެހީތެރިކަމާއެކު ވަނީ އެ މީހުންގެ ހަށިގަނޑުތައް ނަގައި އިޓަލީއަށް ގެންގޮސްފައެވެ.

ރިއެކްޝަންސް

ކޮމެންޓް