ޢުމުރުން 65 އަހަރު ހަމަވާ ފަހުންވެސް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ފަރުޟު ޙައްޖަށް ދިއުމަށް ބޭނުންކުރެވޭނެ ގޮތަށް ހަދާފައިވާ ޤަވާއިދު ގެޒެޓުކޮށް، އެއަށް ޢަމަލުކުރަން ފަށައިފިއެވެ.
މި ޤަވާއިދު އެކުލަވާލީ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު ހަވަނަ އިޞްލާޙުގެ ދަށުންނެވެ. އެ އިޞްލާޙު ގެނައުމުގެ ކުރިން، ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި، ޙައްޖު ޖާގަ ކަށަވަރުވާއިރު ޢުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށް ޙައްޖަށް ޖާގަ ރިޒާވްކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ފައިސާ ބޭނުންކުރުމުގެ ފުރުޞަތެއް ނޯވެއެވެ.
އަލަށް ގެނެވުނު އިޞްލާޙާއެކު، ޝަރުޠު ހަމަވާ ކޮންމެ ޢުމުރެއްގެ މީހަކަށްވެސް މި ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖު އަދާކުރެވޭނެއެވެ. އެހެންކަމުން، 65 އަހަރުވުމުގެ ސަބަބުން ޖާގަ ރިޒާވް ނުކުރެވި ތިބި މީހުންނަށާއި، ޖާގަ ކަށަވަރުވާއިރު 65 އަހަރުން މަތިވެފައިވާ މީހުންނަށްވެސް މިހާރު މި ފުރުޞަތުގެ ބޭނުން ހިފޭނެއެވެ.
ޕެންޝަން އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ސްކީމުގެ ދަށުން ޙައްޖަށް ޖާގަ ރިޒާވްކުރުމަށް ޝަރުޠު ހަމަވާނީ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ، އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (އާރް.އެސް.އޭ) ގައި މަދުވެގެން 336,000 ރުފިޔާ ހުންނަ މެންބަރުންނަށެވެ. ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ، އެ އަދަދު އުނިކުރުމަށްފަހުވެސް އެކައުންޓުގައި 336,000 ރުފިޔާ ހުންނަން ޖެހެއެވެ.
މި އުޞޫލުގެ ދަށުން ޙައްޖަށް ދާން އެދޭ މެންބަރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޙައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ދައްކައި، ބާކީ ބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެއެވެ. ނަމަވެސް، އެ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުނިއެއް ނުވާނެއެވެ. ޙައްޖު ކޯޕަރޭޝަނާ ފައިސާ ޙަވާލުކުރުމާ ހަމައަށް، އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުން ކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތު ދެއެވެ.
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އިން ޕެންޝަން ލިބެމުންދާ މެންބަރުންނަށާއި، އަލަށް ރިޓަޔަރކުރާ މެންބަރުންނަށް ދެވޭ ޕެންޝަން ހިސާބުކުރާއިރު، ޙައްޖަށް ރިޒާވްކުރާ ފައިސާގެ އަދަދެއް ނުހިމެނޭނެއެވެ. އެހެންކަމުން، ޙައްޖު ބެނެފިޓުގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަނުގެ އަދަދަށް ބަދަލު އައުން އެކަށީގެންވެއެވެ.
ނަމަވެސް، އެއްވެސް ސަބަބަކާހުރެ ޙައްޖު ރިޒަވޭޝަން ކެންސަލްވެ، ނުވަތަ އެ ފައިސާ އަނބުރާ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން އަލުން ހިސާބުކުރެވޭނެ ކަމަށްވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.




