އިމާރާތްތަކާއި އުޅަނދުތަކުގައި ރޯކުރަން ގޮވާލި މައްސަލައިގައި ހައްޔަރުކުރި ޖުމާންގެ ބަންދަށް އިތުރު 15 ދުވަސް

ބައެއް އިމާރާތްތަކާއި އުޅަނދުތަކުގައި ރޯކޮށް ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި މިދިޔަ އޮކްޓޫބަރު 22 ގައި ހައްޔަރުކުރި ހއ. ބާރަށު ކުއްޅަވައްގޭ، އަލީ ޖުމާން (25އ) ގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން އިއްޔެ ދީފިއެވެ.

ތަހުގީގުގެ ބޭނުމަށް ފުލުހުން ކުރާ ޓެރަރިޒަމްގެ ތުހުމަތުގައި އޭނާގެ ބަންދަށް އެންމެ ފުރަތަމަ ދިން 12 ދުވަހުގެ މުއްދަތު ހަމަވުމުން ކޯޓުން ވަނީ ބަންދު އިތުރުކުރަން އަމުރުކޮށްފައެވެ. ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޖުމާން ވަނީ ސަރުކާރުން ޔަހުދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެ އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް ހަމަނުޖެހުން ހިންގުމަށް ގޮވާލާފައެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ރެޑްވޭވް ފިހާރަ ލޫޓުވާލުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.

މީގެއިތުރުން ދައުލަތުގެ ތިން ބާރުގެ އިދާރާތަކުގައި ހުޅުޖަހަން ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނެންޓް އަދި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންވެސް ހައްޔަރުކޮށް، އޭނާގެ ބަންދަށްވެސް ވަނީ 15 ދުވަސް ދީފައެވެ.

ރިއެކްޝަންސް

ކޮމެންޓް