މިއަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދޭން ހަމަޖެހިފައިވާ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައިވާ ގޮތުގައި، މި އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ 7 ނޮވެމްބަރު ވާ ހުކުރު ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް އިތުރުކޮށްފައެވެ.
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ދިނުމަށް ހަމަޖެހިފައިވާ 4 އެވޯޑު:
-
އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު: މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ (35 އަހަރުން ދަށް).
-
އެންމެ ތަޖުރިބާކާރު ކެޔޮޅު: މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ (35 އަހަރުން މަތި).
-
ޚިދުމަތްތެރި ފަރު މަސްވެރިޔާ: އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް.
-
ޚިދުމަތްތެރި އަންހެން މަސްވެރިޔާ: މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ އަންހެނުންނަށް.
މި އެވޯޑުތަކަށް އެދި ހުށަހަޅާ ފޯމުތައް ވުޒާރާގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި ފުރިހަމަކޮށްފައިވާ ފޯމުތައް [email protected] އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.




