ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާ މެދު އެ ކޯޓުން ނިންމި ނިންމުމެއް އިސްތިއުނާފުކުރުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމަވައިފިއެވެ.
މި މައްސަލައަކީ ކްރިމިނަލް ކޯޓުން ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުމެއް އިސްތިއުނާފުކުރުމަށް އެދި، މިދިޔަ ހަފްތާގެ ބުދަ ދުވަހު ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައި ވަނީ، ދަށު ކޯޓުން ނިންމި ނިންމުމުގައި އެއްކިބާކުރުމަށް އެދިފައިވާ ހެކި މިޒާންކޮށް ވަޒަންހަމަކޮށްފައިވާ ގޮތް ބަޔާންކޮށްފައި ނުވާތީ، މައްސަލައިގައި ޢަދުލުއިންސާފު އެއްކޮށް ގެއްލިފައިވާ ކަމަށެވެ.
މި މައްސަލަ ހައިކޯޓަށް ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި، ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މުހިންމު ޤަޟިއްޔާތަކަކަށް ވަނީ ރިޢާޔަތްކުރައްވާފައެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް އިސްތިއުނާފު ކުރުމަށް ފުރުޞަތު އޮންނަނީ، ޝަރީޢަތުގެ ތެރެއިން އިތުރަށް އެކަންކަމާމެދު ވާހަކަދައްކައި ގޮތް ނިންމުމުގެ ފުރުޞަތު ނެތް ކަންކަމުގައި ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަން ރަޖިސްޓްރާގެ ނިންމެވުމުގައި ބަޔާންކުރެއްވިއެވެ.
ހެކި ޤަބޫލުކުރުމާ ގުޅޭގޮތުން ޝަރީޢަތުގެ މަރުޙަލާގައި އިތުރަށް ވާހަކަދެއްކުމުގެ ފުރުޞަތު އަދިވެސް އޮތް ކަމަށާއި، ބަލައިނުގަނެވޭނެ ހެއްކެއް ބަލައިގަތުމަށްވުރެ ގެއްލުން ބޮޑުވާނީ ބަލައިގަނެވޭ ހެއްކެއް އެއްކިބާކުރުމުން ކަމަށް ވެސް ރަޖިސްޓްރާގެ ނިންމެވުމުގައި ބަޔާންކުރެއްވިއެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޙަވާލާދީ، މިއަދު ރަޖިސްޓްރާ ވަނީ މި މައްސަލަ ހައިކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ނިންމަވާފައެވެ.




