މީރާއަށް ދައްކަންޖެހޭ ޓެކްސް، ދައުލަތުން ލިބެންޖެހޭ ފައިސާއާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ، ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއާ އަޅައިކެނޑޭނެ އިންތިޒާމު މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ.

މީރާއިން މީގެ ކުރިން އާންމުކޮށްފައިވާ އުސޫލުގެ މައިގަނޑު މަގުސަދަކީ، ދައުލަތަށް ލިބެންޖެހޭ ފައިސާއާއި ވިޔަފާރިތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ހިސާބުތަކުން އުނިކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) މާލީ ލުއިފަސޭހަކަން ފޯރުކޮށްދިނުމެވެ.

އަޅައިކެނޑުމުގެ އުސޫލު ހިނގާނެ ގޮތް:

  • ޓެކްސް ފައިސާ ބޮޑުނަމަ: ސަރުކާރުން ދައްކަންޖެހޭ ފައިސާ ޓެކްސް އަދަދުން އުނިކުރުމަށްފަހު، ބާކީ ބައި ޓެކްސްޕޭޔަރު މީރާއަށް ދައްކަންޖެހޭނެއެވެ.

  • ސަރުކާރުން ދޭންޖެހޭ ފައިސާ ބޮޑުނަމަ: ޓެކްސްއަށް ވާ ފައިސާ ކެނޑުމަށްފަހު، ބާކީ އަދަދު ސަރުކާރުން އެ ވިޔަފާރިއަކަށް ދައްކާނެއެވެ.

  • އިސްކަންދޭ ތަރުތީބު: ފައިސާ އަޅައިކަނޑައިދޭނީ ނުދައްކާ ހުރި ފައިސާގެ ޕްރިންސިޕަލް އަދަދާއި، ޖޫރިމަނާ އަދި އިންޓްރެސްޓަށް އިސްކަންދީގެންނެވެ.

މި އިންތިޒާމުގެ ދަށުން ފައިސާ އަޅައިކެނޑުމަށް އެދޭ ފަރާތްތަކުން މީރާކަނެކްޓް (MIRAconnect) މެދުވެރިކޮށް، ނުވަތަ MIRA 904 ފޯމު ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. ހުށަހަޅާ ފައިސާގެ ސައްހަކަން މާލީ ވުޒާރާ ނުވަތަ ކަމާގުޅޭ ސަރުކާރު ކުންފުނި މެދުވެރިކޮށް މީރާއިން ކަށަވަރުކުރާނެއެވެ. އަދި ފައިސާ އަޅައިކަނޑައިދެވޭނީ އެ ފައިސާއެއް މީރާއަށް ޖަމާވުމުން ކަމަށް މާލީ ވުޒާރާއިން މައުލޫމާތުދެއެވެ.

ރިއެކްޝަންސް

ކޮމެންޓް