ނ. ވެލިދޫ ފަޅުތެރޭގައި ގިނަ އަދަދެއްގެ މުށިމަސް މަރުވެއްޖެ

ނ. ވެލިދޫ ބަނދަރަށް ޕެޓްރޯލް އެޅުމަށް ކައިރިކުރި ދޯންޏަކުން ލަނޑާ ކައްކާފައިވާ ފެން ފަޅުތެރެއަށް އެޅުމުގެ ސަބަބުން، އެ ރަށުގެ ފަޅުތެރޭގައި ގިނަ އަދަދެއްގެ މުށިމަސް މަރުވެފައިވާ ކަމަށް ވެލިދޫ ކައުންސިލުން ބުނެފިއެވެ.

ވެލިދޫ ފަޅުތެރޭގައި އުޅުނު އެތައް ހާސް މުށިމަހެއް މަރުވެ، ފެންމައްޗަށް އަރާފައިވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ވެލިދޫ ކައުންސިލްގެ ނައިބު ރައީސާ ހާފިޒާ އިބްރާހީމް ވިދާޅުވީ، އެ މަސްތައް މަރުވީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ރަށަށް ޕެޓްރޯލް އެޅުމަށް ކައިރިކުރި ލަނޑާ ނަގާ ދޯންޏަކުން، ލަނޑާ ކައްކާފައި ހުރި ފެންތައް ފަޅުތެރެއަށް އެޅުމުން ކަމަށެވެ. ދޯނީގައި ތިބި މީހުން އެ ފެންތައް ފަޅުތެރެއަށް އެޅިކަމަށް، އެ މަންޒަރު ދުށް މީހުން ބުނަމުންދާ ކަމަށް ވެސް ހާފިޒާ ވިދާޅުވިއެވެ.

ރަށު ތެރެއިން ލިބިފައިވާ މަޢުލޫމާތުގެ ގޮތުގައި، މި މުށިމަސްތައް ފަޅުތެރެއަށް ތިލަވެފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭރު މަސްތައް ދިރިހުރި ނަމަވެސް، އާދަޔާ ޚިލާފަށް ގިނަ މަސް ފެންމައްޗަށް އަރައިގެން އުޅުމުން، ރަށުގެ ގިނަ މީހުން ވަނީ ފަޅުތެރެއިން މަސް ނަގައިގެން ގެއަށް ގެންގޮސްފައެވެ. ނަމަވެސް، މިއަދު ހެނދުނު ވީއިރު ފަޅުތެރޭގައި ބާކީ ހުރި މަސްތައް މަރުވެ، ފެންމައްޗަށް އަރައި ފަޅުތެރެއަށް ފެތުރިފައި ހުއްޓެވެ. މުށިމަހުގެ އިތުރުން، ފަޅުތެރޭގައި އުޅުނު އެހެން ބާވަތްތަކުގެ ކުދި މަސްތައް ވެސް މަރުވެފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ހާފިޒާ ވިދާޅުވީ، ލަނޑާ ކައްކާފައިވާ ފެން އެޅުމުން، މީގެ ކުރިން ވެސް ބައެއް ރަށްރަށުގައި ފަޅުތެރޭގައި ހުރި މަސްތައް މަރުވެ މައްޗަށް އަރާފައިވާ ކަމަށެވެ. އަދި މި ދުވަސްވަރަކީ ވެލިދޫ ފަޅުތެރެއަށް ގިނަ އަދަދަކަށް މުށިމަސް ވަންނަ ދުވަސްކޮޅެއް ކަމަށާއި، ވަރަށް ގިނަ މީހުން ހަވީރު ގަޑީގައި މުށިމަސް ބާނާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހާފިޒާ ވިދާޅުވި ގޮތުގައި، ވެލިދޫއަކީ މިހާރު ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުތައް ވެސް މަދު ރަށަކަށް ވާތީ، ގިނަ ބަޔަކު ކާން ބޭނުންކުރަނީ މުށިމަހެވެ. ކަނޑުމަސް ލިބެނީ އެހެން ރަށެއްގެ ދޯންޏަކުން އައިސް މަސް ވިއްކުމުން ކަމަށާއި، ގިނަ އަދަދެއްގެ މުށިމަސް މަރުވުމަކީ ރަށުގެ ރައްޔިތުންނަށް ވަރަށް ދެރަކޮށް ދިމާވި ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދޯންޏަކީ ކޮން ރަށެއްގެ ދޯންޏެއް ކަމެއް ކައުންސިލަށް ސީދާ ނޭނގޭ ނަމަވެސް، ފުލުހުންގެ އެހީތެރިކަމާއެކު އެ މަޢުލޫމާތު ހޯދޭނެ ކަމަށް ހާފިޒާ ވިދާޅުވިއެވެ.

ނަމަވެސް، ރަށު ތެރޭގައި މިކަމާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދަނީ ދެކެވެމުންނެވެ. ބައެއް މީހުން އެ ވާހަކަ ދޮގުކުރާއިރު، މިއީ މޫސުމީ ބަދަލަކާ ގުޅިގެން ހިނގި ކަމެއް ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. އެގޮތުން، ދިޔަވަރު ހިކިއިރު ފަޅުތެރޭގައި ފެން ދައުރުވާ މިންވަރު މަދުވުމުގެ ސަބަބުން، މަސްތަކަށް ބޭނުންވާ އޮކްސިޖަން ނުލިބިގެން މަސްތައް މަރުވީ ކަމަށް ވެސް ލަފާކުރެވެއެވެ.

ފަޅުތެރޭގައި ގިނަ އަދަދެއްގެ މަސް މަރުވެ ކުނިވާން ފެށުމާ ގުޅިގެން، ރަށުގެ ތިމާވެއްޓަށާއި އާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، ކައުންސިލުން އިސްނަގައިގެން މަރުވެފައިވާ މަސްތައް ނަގައި ފަޅުތެރެ ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ބޮޑު ވަޅުގަނޑެއް ކޮނެގެން، މަސްތައް ނަގަމުން އެ ވަޅުގަނޑަށް އަޅަމުންދާ ކަމަށް ހާފިޒާ ވިދާޅުވިއެވެ.

ލަނޑާ ނެގުމަކީ ރާއްޖޭގައި މަނާކޮށްފައިވާ ކަމެކެވެ. މިކަމާ ގުޅޭގޮތުން އެންވަޔަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އަދި ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ރިއެކްޝަންސް

ކޮމެންޓް